Roadha Mihaaru
ޖަރުމަން ސްޓްރައިކަރު ފުލްކްރޫގް ވެސްޓްހޭމަށް

ޖަރުމަން ސްޓްރައިކަރު ފުލްކްރޫގް ވެސްޓްހޭމަށް

06 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ޖަރުމަން ސްޓްރައިކަރު ނިކްލަސް ފުލްކްރޫގްގެ ސޮއި 27 މިލިއަން ޕައުންޑަށް ހޯދައިފި އެވެ.

ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ޖަރުމަން ސްޓްރައިކަރު ނިކްލަސް ފުލްކްރޫގްގެ ސޮއި 27 މިލިއަން ޕައުންޑަށް ހޯދައިފި އެވެ.

އުމުރުން 31 އަހަރުގެ ފުލްކްރޫގް ޑޯޓްމަންޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަންގައި ޑޯޓްމަންޑަށް 43 މެޗު ކުޅެދީ، 15 ގޯލު ޖަހައިދީ، ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ.

ނިމިދިޔަ ޔޫރޯ މުބާރާތުގައި ކުއާޓާ ފައިނަލަށް ދިޔަ ޖަރުމަން ޓީމުގެ މެޗެއްގައި ސްޓާޓް ނުކުރި ނަމަވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި މުބާރާޓުގައި ދެ ގޯލު ޖަހައިފަ އެވެ. މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅެން ފެށި ފުލްކްރޫގް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 21 މެޗުން 13 ގޯލު ޖަހައިފަ އެވެ.

ފުލްކްރޫގް، މިދިޔަ ސީޒަންގައި ޑޯޓްމަންޑަށް ކުޅުނު މެޗެއްގައި ގޯލު ޖެހުމަށް ފަހު.--

ފުލްކްރޫގް، މިދިޔަ ސީޒަންގައި ޑޯޓްމަންޑަށް ކުޅުނު މެޗެއްގައި ގޯލު ޖެހުމަށް ފަހު.--

"އަހަރެންގެ ނަޒަރުގައި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު. އަދި އިންގްލެންޑަށް ބަދަލުވެ ވެސްޓް ހޭމް ކަހަލަ ބޮޑު ޓީމަކަށް ކުޅެން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް އަހަރެން ގަބޫލު ކުރަން،" ވެސްޓް ހޭމާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ފުލްކްރޫގް ބުންޏެވެ.

"ވެސްޓް ހޭމް އާ މެދު ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ. ޓެކްނިކަލް ޑިރެކްޓަރު ޓިމް ސްޓީޓަން ދަންނަން އަހަރެން ވަރަށް ރަނގަޅަށް. އެއީ ވާޑާ ބްރޭމަންގައި އެކުގައި އުޅުނިން. މި ކްލަބްގެ ބައެއް މެޗުތައް ވެސް އަހަރެން ބަލަން، ޓީމުގެ ކޮލިޓީ އެބަހުރި."

ފުލްކްރޫގަކީ، ކޯޗު ހޫލެން ލޮޕެޓެގީ އަންނަ ސީޒަނަށް ތައްޔާރުވާން ވެސްޓް ހޭމަށް ގެނައި ފަސް ވަނަ ކުޅުންތެރިޔާ އެވެ. ސާޅީސް މިލިއަން ޕައުންޑަށް ވުލްވްސްގެ ކެޕްޓަން މެކްސް ކިލްމަން ގެނެސްފައިވާއިރު، ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ނެދަލެންޑްސް ފޯވާޑް ކްރީސެންސިއޯ ސަމާވިލް ގެންނަން 25 މިލިއަން ޕައުންޑް ހަރަދު ކޮށްފައިވެ އެވެ.

މީގެ އިތުރުން ބްރެޒިލްގެ ޕަލްމެއިރާސް އަށް 25.5 މިލިއަން ޕައުންޑް ދީފައި ލުއިސް ގިލާމީ ގެނައި އިރު، ޝެފީލްޑް ޔުނައިޓެޑްގެ ގޯލްކީޕަރު ފޮޑަރިންގަމް ގެނައީ ހިލޭ ޓްރާންސްފާގަ އެވެ.

ނިމިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ނުވަ ވަނައިގައި ނިންމި ވެސްޓް ހޭމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފުލްބެކް އާރޮން ވެން ބިސާކާ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.