Roadha Mihaaru
މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކޮށްފި

އެމަޑިއަސްއާ އެކު މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކޮށްފި

29 ޖުލައި 2024

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެމަޑެއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް)އާ އެކު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެމަޑެއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް)އާ އެކު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

މީގެއިތުރުން މޯލްޑިވިއަނުން ވަނީ އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް (އަޔާޓާ)ގެ ބިލިން އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ)ގައި ވެސް ބައިވެރިވެފަ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އަޔާޓާއިން އިންޑިއާގައި އެކްރެޑިޓްކޮށްފައިވާ ބީއެސްޕީގެ ޓްރެވަލް އެޖެންޓުންނަށް ކިއު2-986ގެ ޓިކެޓް ޕްލޭޓާ އެކު އެމީޑިއަސް ޖީޑީއެސް ޕްލެޓްފޯމް އިން މޯލްޑިވިއަންގެ ފްލައިޓްތަކަށް އީ-ޓިކެޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންޑިއާގެ ބީއެސްޕީން އެކްރެޑިޓްކޮށްފައިވާ ހުރިހާ ޓްރެވަލް އެޖެންޓުންނަށް ކޮމްޕްރެހެންސިވް އެކްސެސް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ އެ އެއާލައިނުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނަށް ލުއި އަދި ފަސޭހަކަމާ އެކު ދަތުރުތައް ކުރެވޭނެ ގޮތްތައް އިތުރުކޮށްދޭން ގާއިމްކުރި ޕާޓްނާޝިޕެކެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން ޓިކެޓިން އާއި ޑިސްޓްރިބިއުޝަން ޕްރޮސެސްތައް ފަސޭހަވެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރަން ފަސޭހަވެ, ރަނގަޅު އޮފާތަކެއް ލިބޭނެ އެވެ.

މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ އެމަޑިއަސް ޖީޑީއެސް އާއި އައިއޭޓީއޭގެ ބީއެސްޕީއާ އެކު އެ އެއާލައިންގެ ޑިސްޓްރިބިއުޝަން ކޭޕެބިލިޓީ އިތުރުކުރުމުން ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މިއީ އެއާލައިނުގެ މަސައްކަތްތައް ފުޅާކޮށް, ގިނަ ފުރުސަތުތަކެއް އެ އެއާލައިނަށާއި ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މޯލްޑިވިއަނުން އިންޑިއާގެ ތިން ސަރަހައްދަކަށް ހަފުތާއަކު 13 ދަތުރު ކުރެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއަށް ހަތަރު ދަތުރާއި ޓްރިވެންޑްރަމަށް ފަސް ދަތުރާއި ބެންގަލޫރަށް ދެ ދަތުރެވެ. އޭގެ އިތުރުން ޓްރިވެންޑްރަމަށް ހަނިމާދޫން ދެ ދަތުރު ކުރެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ހުރިހާ ދަތުރުތަކަކަށް ވެސް ޖީޑީއެސްއިން ޓިކެޓު ނެގޭނެ އެވެ. އަދި ރާއްޖޭގެ 17 އެއާޕޯޓަކަށް ކުރާ ދަތުރުތަކަށް މި ނެޓްވޯކު މެދުވެރިކޮށް ޓްރެވަލް އެޖެންޓުންނަށް ޓިކެޓު ނެގޭނެ އެވެ.

މޯލްޑިވިއަން އިން ދެކޭ ގޮތުގައި މިއީ، ޓޫރިޒަމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ މަގެކެވެ.