Roadha Mihaaru
މޯލްޑިވިއަން އަށް އޭ330 އެއާބަހެއް ގެންނަނީ

މޯލްޑިވިއަން އަށް އޭ330 އެއާބަހެއް ގެންނަނީ

26 ޖުލައި 2024

މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓްރޫނޯޑް އަކީ ދުނިޔޭގެ އެކި އެއާލައިންތަކަށް އެއާ ކްރާފްޓުތައް ލީޒްކުރާ ކުންފުންޏެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި މި އެއާބަސް ގެނައުމުން މޯލްޑިވިއަންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވި، އިތުރު ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފެށޭނެ އެވެ. އަދި ފަސިންޖަރުންނަށް މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް މި އެއާކްރާފްޓުން ހޯދައިދެވޭނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މޯލްޑިވިއަން އަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ބޭފުޅުން

މޯލްޑިވިއަން އަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ބޭފުޅުން

ޓްރޫނޯޑްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ މި އެއްބަސްވުމަކީ މޯލްޑިވިއަންގެ މަސައްކަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި އެއާބަސް އޭ330 އާ އެކު އެ ކުންފުނީގެ އިންޓަނޭޝަނަލް ނެޓްވޯކް އިތުރަށް ފުޅާކޮށް، މި ރީޖަނުގައި ޓޫރިޒަމާއި ވިޔަފާރިއަށް އާ ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އަށް ބޮޑެތި އެއާކްރާފްޓުތައް ގެނެސް، އޮޕަރޭޝަންތައް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޑެސްޓިނޭޝަންތަކަށް ދަތުރު ކުރާ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކާއި އިންޑިއާ، ބަންގަލްދޭޝް އަދި ސްރީ ލަންކާއަށް ދަތުރުތައް ކުރެ އެވެ.