Roadha Mihaaru
މައުލޫމާތު ލިބުމަކީ ރައްޔިތުންގެ ވެރިކަމެއްގެ ރުކުނެއް

މައުލޫމާތާއި ނޫސްވެރިކަމުގެ ހައްގަކީ ރައްޔިތުންގެ ވެރިކަމެއްގެ މުހިންމު ރުކުނެއް: ސުޕްރީމް ކޯޓް

28 ޖުލައި 2024

މައުލޫމާތު ހޯދައި ލިބުމުގެ ހައްގަކީ ނޫސްވެރިކަމުގެ ހައްގާއި ހިޔާލުފާޅު ކުރުމުގެ ހައްގާ ގުޅިފައިވާ އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ހޯދައި ލިބުމުގެ ހައްގަކީ ނޫސްވެރިކަމުގެ ހައްގާއި ހިޔާލުފާޅު ކުރުމުގެ ހައްގާ ގުޅިފައިވާ އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ބުނީ ބީއެމްއެލްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އެންގުމާ ދެކޮޅަށް އެ ބޭންކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.

ގަވާއިދުގެ އެ ބައި ގާނޫނާ ހިލާފް ނޫން ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އަސާސީގެ ދަށުން ރާއްޖެއަކީ ރައްޔިތުންގެ ވެރިކަމެއް ހިންގަން ޖެހޭ ގައުމަކަށް ވާއިރު، ދައުލަތުގެ ކަންކަން ހިނގާ ގޮތް އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންވެފައިވާ ހައްގުތައް ތަންފީޒު ކުރެވޭނީ ދައުލަތުގެ އެތެރޭގައި ކަންކަން ހިނގާ ގޮތް ނޫސްވެރިންނަށާއި އާންމުންނަށް އެނގިގެން ކަމަށާއި އެއީ ރައްޔިތުންގެ ވެރިކަމެއްގެ އެއް ރުކުން ކަމަށް ހުކުމުގައިވެ އެވެ.

"ދައުލަތުގެ ކަންކަން ހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ހޯދޭނެ ގޮތަކަށް ދައުލަތުގެ ކަންކަން އިންތިޒާމް ވެފައި އޮތުމަކީ ރައްޔިތުންގެ ވެރިކަން ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ރުކުނެކެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އެންމެ އިސް އެއް ހައްގެކެވެ. ސަބަބަކީ ނޫސްވެރިކަމާއި ރައްޔިތުންނަށް ލިބިގެންވާ ހިޔާލުފާޅު ކުރުމުގެ ހައްގު ވެސް ބޭނުން ކުރެވެން އޮންނަނީ މައުލޫމާތު ލިބިގެން ކަމަށްވާތީ އެވެ.

"ނޫސްތަކަށާއި ނޫސްވެރިންނަށް ސަރުކާރުން މައުލޫމާތު ނުލިބޭ ނަމަ މިނިވަންކަމާ އެކު ނޫސްވެރިކަންކޮށް، އެ ހައްގުގެ ބޭނުމެއް ނުކުރެވޭނެ އެވެ. ރައްޔިތުންނަށް ފެންނަ ގޮތްތައް ބަޔާންކޮށް، ހަގީގަތާ އެއްގޮތަށް ހިޔާލުފާޅު ކުރެވޭނީ މައުލޫމާތު ލިބިގެންނެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ މައުލޫމާތު ހޯދުމުގެ ހައްގަކީ ދައުލަތުގެ އެތެރޭގައި ހިނގާ ކޮރަޕްޝަނާއި ނުފޫޒުތައް މަދުކޮށް، ޖަވާބުދާރީ ކުރުވަނިވި ގޮތަކަށް ކަންކަން ހިންގަން ބާރު އެޅޭނެ ހައްގެއް ކަމަށްވާތީ އެ ހައްގު ހަނިވާ ގޮތަކަށް އެއްވެސް މާނަ ކުރުމެއް ގެނައުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުހިނގާނެ ބީއެމްއެލްގެ މައްޗަށް ނުހިނގާނެ ކަމަށް އެ ބޭންކުން ބުންޏަސް، އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އެ ބޭންކުގެ މައްޗަށް ވެސް އެ ގާނޫނު ހިނގާނެ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހޯދަން އެދުނީ ބޭންކުގެ ބޯޑާއި އިސްވެރިންގެ މުސާރަ ކަމަށް ވެފައި، އެއީ ގާނޫނުން ހިމާޔަތް ކޮށްފައިވާ ވިޔަފާރީގެ ސިއްރެއް ކަމަށްވާތީ ސުޕްރީމް ކޯޓުން ނިންމީ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.