Roadha Mihaaru
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް

ބީއެމްއެލްގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރެއް، ހާމަކުރާކަށް ނުޖެހޭނެ: ސުޕްރީމް ކޯޓް

28 ޖުލައި 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑާއި އެ ބޭންކްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއްގެ އިތުރުން ބައެއް ޒާތީ މައުލޫމާތުތަކެއް ކަމަށް ވާތީ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑާއި އެ ބޭންކްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއްގެ އިތުރުން ބައެއް ޒާތީ މައުލޫމާތުތަކެއް ކަމަށް ވާތީ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ އެ ކުންފުނީގެ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މައުލޫމާތަކީ ބައެއް ޒާތީ މައުލޫމާތެއް ކަމަށާއި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވާތީ އެ މީހުންގެ ހުއްދަ ނެތި އެ މައުލޫމާތު އާންމު ނުކުރެވޭނެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

"އެ މައުލޫމާތުތަކަކީ ދޫކުރަންޖެހޭ ފަދަ ފުޅާ އާންމު މަސްލަހަތެއް އޮތް މައުލޫމާތެއް ވެސް ނޫން"

ހުކުމުގައިވާ ގޮތުން އެއީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. އެގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. މީހުންގެ ޒާތީ މައުލޫމާތުތައް ވެސް ހާއްސަ ހާލަތްތަކުގައި ހާމަކުރަން އެންގުމުގެ ބާރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮތަސް، މި މައްސަލާގައި އެފަދަ ހާލަތެއް ނެތުމުން ބީއެމްއެލްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޯޑު މެމްބަރުންނާއި ބައެއް ހިއްސާދާރުން.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޯޑު މެމްބަރުންނާއި ބައެއް ހިއްސާދާރުން.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށްވާތީ އެ މައުލޫމާތުތަކަކީ އެ ފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތުތަކެއް ނޫން. އަދި ތިން ވަނަ ފަރާތްތަކުގެ ރުހުން ނެތް ނަމަވެސް އެ މައުލޫމާތުތަކަކީ ދޫކުރަންޖެހޭ ފަދަ ފުޅާ އާންމު މަސްލަހަތެއް އޮތް މައުލޫމާތެއް ވެސް ނޫން،" ހުކުމުގައިވެ އެވެ.

ނަމަވެސް ހުކުމުގައިވާ ގޮތުން ބީއެމްއެލްގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސުލޫތައް ހިންގޭނެ އެވެ. ސަބަބަކީ އެއީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުންޏަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ދައުލަތުގެ ކޮންޓްރޯލް އޮތުމެވެ. އަދި ބީއެމްއެލް އުފެއްދި މަގްސަދަށް ބަލާއިރު، އެއީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރަން ކުންފުންޏެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.