Roadha Mihaaru
"ފީބޯ ވަޅު" ހޯދަން ކުޑަދޫގައި

"ފީބޯ ވަޅު" ހޯދަން ކުޑަދޫގައި

27 ޖުލައި 2024

ށ. ކަނޑިތީމަށް ދިއުމުގެ ކުރިން އެ ރަށުގެ ތާރީހާ ގުޅޭ ވާހަކައެއް އެނގޭތޯ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ގާތުގައި އެހުމުން ފުރަތަމަ ވެސް ބުނަނީ "ފީބޯ ވަޅު" ވާހަކަ އެވެ. އެއީ އެ ރަށާ ގުޅިފައި އޮންނަ ކުޑަދޫ ކިޔާ ކުޑަކުޑަ ފަޅުރަށެއްގައި އޮންނަ ހާއްސަ ވަޅެކޭ ބުނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ކަނޑިތީމަށް ދިއުމުގެ ކުރިން އެ ރަށުގެ ތާރީހާ ގުޅޭ ވާހަކައެއް އެނގޭތޯ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ގާތުގައި އެހުމުން ފުރަތަމަ ވެސް ބުނަނީ "ފީބޯ ވަޅު" ވާހަކަ އެވެ. އެއީ އެ ރަށާ ގުޅިފައި އޮންނަ ކުޑަދޫ ކިޔާ ކުޑަކުޑަ ފަޅުރަށެއްގައި އޮންނަ ހާއްސަ ވަޅެކޭ ބުނެ އެވެ.

އެހެންވެ، ރަށަށް އެރުމާ އެކު އެ ވަޅު ހޯދަން ރަށުގެ ވަށައިގެން ހިނގީމެވެ. އެ ކަހަލަ އެއްވެސް އެތަނެއް މި ކުޑަކުޑަ ރަށަކުން ނުފެނުނެވެ. ގަސް ހެދި ބޯވެގެން އެ ވަޅު ފޮރުވުނީއޭ ހިތަށް އެރި އެވެ. ރަށް ނުދަންނަ، އަހަރެމެންގެ ޓީމުގެ ހަތަރު މީހުން އެކަނި ގޮސްގެން މި ތަނެއް ނުފެންނާނެއޭ އެކަކު އަނެކަކަށް ކިޔަން ފެށި އެވެ. ރަށުގެ ކަންކަން ދަންނަ މީހަކު އަހަރެމެންނާ އެކު ނުގޮސް އެ ވަޅު ދެން ނުފެންނާނެ ކަމަށް ނިންމައިގެން އަނބުރައި ދިޔައީ އެވެ.

ތާރީހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުޑަދުއަކީ ފީބޯ ނަމަކަށް ކިޔާ ޕޯޗުގީޒު މީހަކު ބިމުގެ އަޑީގައި ބިންގަރާހެއް ހަދައިގެން އުޅުނު ރަށެކެވެ. "ފީބޯ ވަޅު" ކިޔަނީ އޭނާ ފިލަން ވަންނަން ހަދައިގެން އުޅުނު އެ ބިންގަރާހަށެވެ.

ށ. ކުޑަދޫ: ކަނޑިތީމުގެ ހުޅަނގު ފަރާތުގައި އޮންނަ މި ރަށް އޮންނަނީ އެ ރަށާއި ދޮންވެލީގެ ފާލަމަކުން ގުޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކުޑަދޫ: ކަނޑިތީމުގެ ހުޅަނގު ފަރާތުގައި އޮންނަ މި ރަށް އޮންނަނީ އެ ރަށާއި ދޮންވެލީގެ ފާލަމަކުން ގުޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަދޫ އޮންނަނީ ކަނޑިތީމުގެ ހުޅަނގު ފަރާތުގަ އެވެ. ދޮންވެލީގެ ފާލަމަކުން މި ދެ ރަށް އޮންނަނީ ގުޅިފަ އެވެ. އެއް ރަށުން އަނެއް ރަށެއް، ހިނގާލާފައި ދެވެ އެވެ.

ކުކުޅު ބިހެއްގެ ބައްޓަމަށް އޮންނަ މި ރަށަކީ ގާމަތީ ރަށެކެވެ. ރަށުގެ ހޭޅިފަށުގައި ބޯކޮށް ހެދިފައި އޮތީ ކުރެދި ގަސްތަކެވެ. ރަށު ތެރޭގައި އޮތީ ދިވެހި ރުކާއި ބިޔަކޮށް ހެދިފައި ހުރި ކާނި ގަސްތަކެވެ.

އެ ރަށް ވަށައިގެން ހިނގާލަން އަހަރެމެންނަށް ނެގީ އެންމެ ދިހަ ވަރަކަށް މިނެޓެވެ.

ށ. ކުޑަދޫގެ ރަށު ތެރޭގައި ހެދިފައި ރުށްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކުޑަދޫގެ ރަށު ތެރޭގައި ހެދިފައި ރުށްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަނޑިތީމަށް ދެވުނު ފަހަރު އެ ވަޅު ނުބަލައި ނުދާން ވެގެން ދެ ވަނަ ދުވަހު ކުޑަދުއަށް ދިޔައީ އެ ރަށުގެ މީހަކު ގޮވައިގެންނެވެ.

އޭނާ ބުނި ގޮތުގައި، ބޯކޮށް ގަސްތައް ހެދިފައި އޮތުމާއި އަޅާނުލައި ދޫކޮށްލާފައި އޮތް ތަނަކަށް ވާތީ މިހާރު ފީބޯ ވަޅު ވެސް އޮންނަނީ ވަރަށް ބޮޑަށް ފޮރުވިފަ އެވެ.

"މި ރަށް އެނގޭ މީހަކާ އެއްކޮށް އައިސްގެން ނޫނީ ނުފެންނާނެ މިހާރު މި ތަނެއް،" އޭނާ ބުންޏެވެ.

ށ. ކުޑަދޫގައި ހުންނަ ފީބޯވަޅު މިހާރު ފެންނަން ހުރި ގޮތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކުޑަދޫގައި ހުންނަ ފީބޯވަޅު މިހާރު ފެންނަން ހުރި ގޮތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ވަޅު އޮތީ ރަށުގެ ދެކުނު ފަރާތުގެ ހޭޅިފަށުން ކުޑަ ތަންކޮޅެއް އެތެރޭގަ އެވެ. ފެންނަން ހުރީ ދިގު އަކައިގެ ބައްޓަމަށް ހުރި އެ ވަޅުގެ ވަށައިގެން ހުރި ގާތައް އެކަންޏެވެ. އެ ވަޅަށް ގަލާއި ފަހާއި ކުނި އެޅި އޮތީ ވަރަށް ބޮޑަށް ފޮރުވިފަ އެވެ.

ށ. ކުޑަދޫގައި ހުންނަ ފީބޯވަޅު މިހާރު ފެންނަން ހުރި ގޮތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކުޑަދޫގައި ހުންނަ ފީބޯވަޅު މިހާރު ފެންނަން ހުރި ގޮތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަނޑިތީމުގެ ތާރީހާ ގުޅޭ ކޮންމެ ވާހަކައެއް ފަރިތަކަމާ އެކު ކިޔައިދޭން އެނގޭ އަދި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، ފީބޯ އަކީ ކޮން ގައުމެއްގެ މީހެއްކަން ސީދާ ބުނަން ނޭނގުނަސް އޭނާގެ ތަނަވަސްކަމާ ހެދި މި ރަށުގެ އެތައް ބަޔަކު އޭނާއަށް ބޯލަނބައިގެން ތިއްބެވެ.

އަޅުގަނޑު ދިރާސާކުރި ކުރުމުން އެނގުނީ އެއީ ދިވެއްސެއް ނޫނޭ. ދިވެހިންނަށް ކިޔައި އުޅޭ ނަމެއް ނޫން, ފުޓްބޯޅަ ޓީމުގައި އެބަތިބޭ ފީގޯ ކިޔާ މީހުން, އެހެންވީމާ ޕޯޗުގީޒުން އައި މީހަކަށް ވެދާނެއޭ. މި ސަރަހައްދު އުތީމުގައިތާ ވިޔަޒޯރު ވެސް އުޅުނީ. އޭގެ މީހެއް ކަމަށް ބެލެވެނީ: ޒަރީރު

"އަޅުގަނޑު ދިރާސާކުރި ކުރުމުން އެނގުނީ އެއީ ދިވެއްސެއް ނޫނޭ. ދިވެހިންނަށް ކިޔައި އުޅޭ ނަމެއް ނޫން, ފުޓްބޯޅަ ޓީމުގައި އެބަތިބޭ ފީގޯ ކިޔާ މީހުން, އެހެންވީމާ ޕޯޗުގީޒުން އައި މީހަކަށް ވެދާނެއޭ. މި ސަރަހައްދު އުތީމުގައިތާ ވިޔަޒޯރު ވެސް އުޅުނީ. އޭގެ މީހެއް ކަމަށް ބެލެވެނީ," އޭނާ ވިދާޅުވި އެވެ.

ށ. ކުޑަދޫގައި ހުންނަ ފެން ވަޅެއް: މިއީ މާފަހުން ހެދި ވަޅެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކުޑަދޫގައި ހުންނަ ފެން ވަޅެއް: މިއީ މާފަހުން ހެދި ވަޅެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފީބޯގެ އަވާގައި ޖެހިފައި ތިއްބައި މުހައްމަދު ތަކުރުފާނު ވަޑައިގެން މި ރަށް އިސްލާމްކުރުމުން އަނެއް ދުވަހު ކާފަރު ދީނަށް ވަން ވާހަކަ ވެސް ކިޔައި އުޅެ އެވެ. އޭނާ ބިންގަރާހެއް ހަދައިގެން ފިލައިގެން އުޅެން ޖެހުނީ އޭގެ ފަހުންނޭ ވެސް ބުނެ އެވެ.