Roadha Mihaaru
މިނީ ބަސްތަކަށް ބަދަލުކޮށް، ދަތުރުތައް އިތުރުކުރަނީ

މާލެއާ އެކަށޭނެ ކުދި ބަސްތަކާ އެކު ދަތުރުތައް އިތުރުކުރަނީ

25 ޖުލައި 2024

މާލޭގެ މަގުތަކުގައި މިހާރު ދުއްވާ ބޮޑެތި ބަސްތަކުގެ ބަދަލުގައި، ޓްރެފިކަށް ލުއިވާ ގޮތަށް މިނީ ބަސްތަކާ އެކު ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުތަކުގައި މިހާރު ދުއްވާ ބޮޑެތި ބަސްތަކުގެ ބަދަލުގައި، ޓްރެފިކަށް ލުއިވާ ގޮތަށް މިނީ ބަސްތަކާ އެކު ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ގިނަ ދަތުރުތައް މިހާރު ކުރަނީ ޑަބަލް ޑެކާ ބަސްތަކުގަ އެވެ. މަގުތަކުގެ ބޮޑު ޖާގައެއް ބޭނުންވާ މި ބަސްތަކުގެ ސަަބަބުން ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ދިމާވެ ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގައި މާލޭގެ ޓްރެފިކް ކޮންޓްރޯލްކޮށް މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވެ އެވެ.

އޭގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ދުއްވަން އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ ނުވަތަ ބަސް ދަތުރުކުރާ މިންވަރު އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން 36 މިނީ ބަސް ރާއްޖެ ގެނަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. އެއީ 20 މީހުންގެ ޖާގައިގެ، ފުރުޅުލީ ގޮނޑިއަށް ވެސް ހާއްސަ ޖާގަ ހުންނަ ބަސްތަކެކެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތައް 24 ގަޑިއިރު ދޭ ގޮތަށް ބަދަލުކުރީ މިދިޔަ އަހަރު އެވެ. އެ ދަތުރު ތަކުގައި ޑަބަލް ޑެކާ ބަސްތައް ވެސް ބޭނުން ކުރެ އެވެ. އެ ބަސްތަކަކީ 90 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ދެން ބޭނުން ކުރަނީ 30 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ފެށިއިރު ގިނަ ބަޔަކު ބޭނުން ކުރަމުންއައި ނަމަވެސް ބަސްތައް ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރެވޭތީ ބޭނުންކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.