Roadha Mihaaru
ކުނި އުކާލުމާއި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަނީ

މާލޭގައި ކުނި އުކާލުމާއި މުދާ އުފުލުން ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރަނީ

25 ޖުލައި 2024

މާލެ ސަރަހައްދުގައި ކުނި އުކުމާއި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދުގައި ކުނި އުކުމާއި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގައި ވާ ގޮތުން، ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލު ކުރާނެ އެވެ.

މާލެ ސަރަހައްދުގައި މުދާ އުފުލާ ގަޑިތައް ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ ވެސް ބަދަލު ކުރި އެވެ. އޭރު ވަރަށް ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބުނަސް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިސް އެ ނިންމުން ބަދަލުކުރީ އެވެ.

މާލޭގެ މަގެއްގައި ޕިކަޕަކަށް މުދާ އަރުވާފައި.-- ފޮޓޯ:މިހާރު

މާލޭގެ މަގެއްގައި ޕިކަޕަކަށް މުދާ އަރުވާފައި.-- ފޮޓޯ:މިހާރު

މި ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގެ ގެތަކުން ކުނި ނަގާނެ ގަޑިތަކަށް ވެސް ބަދަލުކުރަން ނިންމައިފަ އެވެ. އެއީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ވެމްކޯ އިން މިހާރު ކުނި ނަގަނީ ރޭގަނޑު 7 އިން 10 ޖަހަންދެންނެވެ. ދުވާލުގެ އެކި ގަޑިތަކުގައި ވެސް ބައެއް ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯގެ ބޮޑެތި ވެހިކަތައް މިހާރު ދުއްވާތީ ސްކޫލް ކުދިންނަށާއި އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ އެވެ.

މާލެ ސަރަހައްދުގެ ގެތަކުން ކުނި ނެގުމާއި ބޮޑެތި ޕިކަޕްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަން ފަށާނެ އިރެއް އަދި ޓްރާންސްޕޯޓް މިނިސްޓްރީން ނުބުނެ އެވެ. އެކަމަކު، ސިޔާސަތުގައި ވަނީ އެއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްގެ ގޮތަށް ހިމަނައިފަ އެވެ.

އެއީ މާލެ ސަރައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ގެންނަ ބަދަލެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެ މަސައްކަތް ކުރާނީ ކަމާ ގުޅޭ ހުރިހާ މުއައްސަސާއެއް ގުޅިގެން ކަމަށެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. ގަވައިދާ ހިލާފަށް މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމާއި ބޭނުން ނުކޮށް މަގުމަތީގައި ގިނަ ދުވަސްވެފައި ހުންނަ ވެހިކަލްތައް ވެހިކަލްތައް ނައްތާލުމުގެ މަސައްކަތުގެ ސްޕީޑް ވެސް ވަނީ ކުރިއަށް ޖައްސާލައިފަ އެވެ.