24 ޖުލައި 2024
ދައުލަތުން ހަރަދު ކުޑަ ކުރުމުގެ ވާހަކަތަކާ އެކު ފިޔަވަޅުތައް އަޅަމުން އަންނަ މި ދަނޑިވަޅުގައި މުޅި ބަޖެޓުގެ ފަސް ޕަސެންޓު ކަނޑައަޅައިގެން "މާލީ މިނިވަންކަން" ދީފައިވާ ކައުންސިލްތަކަށް ކަޅިއެއް އެއްލުން މުހިއްމެވެ. ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ދައުލަތުން ބަޖެޓުން 2.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ދައުލަތުން ހަރަދު ކުޑަ ކުރުމުގެ ވާހަކަތަކާ އެކު ފިޔަވަޅުތައް އަޅަމުން އަންނަ މި ދަނޑިވަޅުގައި މުޅި ބަޖެޓުގެ ފަސް ޕަސެންޓު ކަނޑައަޅައިގެން "މާލީ މިނިވަންކަން" ދީފައިވާ ކައުންސިލްތަކަށް ކަޅިއެއް އެއްލުން މުހިއްމެވެ. ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ދައުލަތުން ބަޖެޓުން 2.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ބަޖެޓުން އެ ވަރުގެ އަދަދެއް ކަނޑައެޅުމުގެ ބޭނުމަކީ ރަށްރަށުން މައި ސަރުކާރަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކީ ރަށުގެ ތަރައްގީ އަށް މަސައްކަތް ކުރުމެވެ.
ލާމަރުކަޒީ ނިޒާމަށް މި އަހަރުގެ އޮގަސްޓުގައި 14 އަހަރު ފުރޭއިރު، މާލީ މިނިވަންކަމުގެ ބޭނުން އެ ކައުންސިލްތަކުން ހިފާ ގޮތާއި ވޭތުވެދިޔަ ދުވަސްތަކުގައި ނުކުތް ނަތީޖާއަށް ބަލާލަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އެއީ 2020 ވަނަ އަހަރު ކޮވިޑް ތެރޭގައި 945 މިލިއަން ރުފިޔާ އާއި 2021 ވަނަ އަހަރު 1.4 ބިލިއަން ރުފިޔާ އާއި 2022 ވަނަ އަހަރު 1.65 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ އެވެ.
މި އަހަރު ކައުންސިލްތަކަށް ރެކޯޑު އަދަދަކަށް 2.2 ބިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ އިރު މިހާތަނަށް ދައުލަތުން ވަނީ 939 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
- 2020ގައި 945 މިލިއަން ރުފިޔާ
- 2021ގައި 1.4 ބިލިއަން ރުފިޔާ
- 2022ގައި 1.65 ބިލިއަން ރުފިޔާ
- 2023ގައި 1.9 ބިލިއަން ރުފިޔާ
- 2024 އަށް 2.2 ބިލިއަން ކަނޑައަޅައި މިހާތަނަށް 939ރ. ދޫކޮށްފައިވޭ
ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށް ދޫކުރާ އުސޫލަކުން ނޫނެވެ. ގާނޫނުގައި ކަނޑައަޅާފައި އަދަދަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި އެ ފައިސާ ކޮންމެ އަހަރަކު ޖަމާ ކުރެ އެވެ.
އޭގެ މާނައަކީ އެހެން މުއައްސަސާތަކުން ބަޖެޓް ކޯޑުގައި އިތުރަށް ހުންނަ ފައިސާ އަހަރު ނިމުމުން އުނިވިޔަސް ކައުންސިލްތަކަށް ދޭ ފައިސާގެ ތެރެއިން އެ ކައުންސިލުން ބާކީ ކުރާ އަދަދު ޖެހިގެން އަންނަ އަހަރަށް ވެސް ފައިދާގެ ގޮތުގައި ހުންނާނެ އެވެ.
އޭގެ އެއް ބޭނުމަކީ ވެސް ކައުންސިލްތަކަށް ފުރިހަމަ ގޮތެއްގައި މާލީ މިނިވަންކަން ދިނުމެވެ. އިތުރަށް ވެސް އާމްދަނީ ހޯދޭނެ މަގުތައް ހޯދައި ފުރިހަމަ މާލީ ބާރުވެރިކަމާއެކީ ރަށް ތަރައްގީ ކުރުމެވެ.
ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ހާމަވި ބައެއް އޮޑިޓް ރިޕޯޓުތަކާއި މައްސަލަތަކުން ފެނުނު ގޮތުގައި ދައުލަތުގެ މާލިއްޔަތުން ބަރުވަނީ ބައެއް ކައުންސިލަރުންގެ ޖީބުތަކެވެ. ރަށު ތަރައްގީއަށް ނުވަތަ ރައްޔިތުންގެ ފައިދާއަށް ކައުންސިލްތަކުން ކުރާ މާބޮޑު ކަމެއް ފެންނާކަށް ނޯވެ އެވެ. ހަމަޖައްސާ ބަޖެޓް ހުސްވެގެން ކައުންސިލުތަކުން އަދިވެސް ކުދިކުދި ކަންކަމުގައި ވެސް ބޭނުން ވަނީ އިތުރު ފައިސާ އެވެ. ނިޒާމު އޮތް ގޮތުން ބައެއް ކައުންސިލްތަކަށް ލިބޭ ފައިސާ ތަޅާ ބުރުވާލަނީ އެވެ.
ދައުލަތުގެ ފިސްކަލް ހަރަދަށް ޒިންމާވުމުގެ ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ދޭ މާލީ އެހީތެރިކަމުގެ ބޭނުން ހިފަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ބޮޑު ބަޖެޓެއް ލިބުމުން ޒިންމާދާރު ކަމާ އެކު، ރަށުގެ ތަރައްގީ އަށް ހަރަދު ކުރުމުގެ ބަދަލުގައި ބައެއް ކައުންސިލްތަކުން އެ ފައިސާ އިސްރާފު ކުރެ އެވެ.
އޭގެ މިސާލެއް ދައްކަވަމުން ނާޒިމް ވިދާޅުވި ގޮތުގައި، ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް އަދި ތިން ދުވަހަށް ދުބާއީ އަށް ވަނީ ވަޑައިގެންގަފަ އެވެ. އޭނާ ވިދާޅުވީ، މި ޖުލައި 26 ގެ ބަންދަށް ހއ. އަތޮޅު ކައުންސިލުން ވެސް ބެންކޮކް ދަތުރެއް ރާވާފައިވާ ކަމަށެވެ.
"މިއީކީ ނޫން އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އަޅުގަނޑުމެން އެންމެން އެބަޖެހޭ ޒިންމާދާރު ވާން،" ކައުންސިލްތަކުން ކުރާ ބޭކާރު ހަރަދުތަކުގެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް
އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އެފަދަ ބޭރު ދަތުރުތައް ކުރުމަކީ މި ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި އެ ދަތުރުތައް ކުރަނީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދަތުރުތައް ކައުންސިލްތަކުން ކުރަނީ ދައުލަތުން ދީފައިވާ ބަޖެޓުގެ ތެރެއިން ބޭރު ގައުމުތަކުގެ ކައުންސިލްތައް ހިނގާ ގޮތް ބެލުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ. އެތައް ލައްކައެއް ހަރަދު ކޮށްގެން ކުރާ އެ އެކްސްޕޯޝާ ދަތުރުތަކުން ނަތީޖާއެއް ނުނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ކައުންސިލަކުން ކުރި ދަތުރަށް ވަނީ 837،078ރ. ރުފިޔާ ހަރަދު ކޮށްފަ އެވެ. ބޭރަށް ދާން ޑޮލަރު ބޭނުންވާނެތީ އަށް ލައްކަ ރުފިޔާ މާރުކުރީ ކަޅު ބާޒާރުގައި 17.65 ގެ ރޭޓުންނެވެ. ޑޮލަރު މާރުކުރުމުގެ ކަންކަން ކޮށްފައި ވަނީ އެކަން ކުރުމުގެ ހުއްދަ އޮތް ބައެއްގެ އަތުންނެއް ނޫނެވެ.
ބައެއް ކައުންސިލްތަކުން ވަރަށް ކުރީއްސުރެ މިފަދަ ދަތުރުތައް ކުރާ ކަން މީގެ ދެ އަހަރު ކުރީގެ އޮޑިޓްތަކަށް ބަލައިލުމުން ވެސް އެނގެ އެވެ. އަތޮޅު ކައުންސިލެއްގެ ފައިނޭންޝަލް އޮޑިޓުން ދައްކާ ގޮތުގައި ދަތުރުފަތުރުތަކަށް އެކަނި އެ ކައުންސިލުން ވަނީ 1.7 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އެހެން ކައުންސިލަކުން ވެސް މިލިއަނަކާ ގާތް ކުރާ އަދަދަކަށް ހަރަދު ކޮށްފައިވާ ކަން މާލީ ހިސާބުތަކުން ދައްކަ އެވެ.
ގިނަ ކައުންސިލްތަކަށް އެކަށީގެންވާ އަދަދެއްގެ ބަޖެޓެއް ނުލިބުނަސް މިފަދަ ކަންކަން އާންމު ގޮތެއްގައި ކޮށްފައި ހުންނަނީ ދައުލަތުން ބޮޑު ބަޖެޓެއް ލިބިގެން ހިންގާ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތަކުންނެވެ.
އެ ދަތުރުތައް ދާ ގޮތާ ބެހޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކަށް ގޮސް ބައެއް ފަހަރު އެ ގައުމެއްގެ ބައެއް އިދާރާތަކާ ބައްދަލު ކުރަން ނަގާނީ އެއް ދުވަހެވެ. ދެން އޮންނާނީ ސައިޓް ސީން އާއި ޝޮޕިން ކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރަށުގެ ތަރައްގީ އަށް ދީފައިވާ ފައިސާ އިން އަގު ބޮޑު ގައުމުތަކުގައި މުޅި ކައުންސިލް ވެކޭޝަނެއް ހަދާލަނީ އެވެ.
"މިއީ، ދައުލަތުގެ ބަޖެޓުން އެތައް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ކުރާ ބޮޑު އިސްރާފެއް،" ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.
އެތެރޭގެ ދަތުރުތަކަށް ވެސް ބައެއް ކައުންސިލްތަކުން ބޮޑެތި ހަރަދުތައް ކޮށްފައި އެބަހުއްޓެވެ. އެކަން ކުރަނީ ވެސް އެހެން ކައުންސިލްތަކުން މަސައްކަތް ކުރާ ގޮތުގެ ތަޖުރިބާ ހޯދުމުގެ ނަމުގަ އެވެ. އެގޮތަށް 400,000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށް މުޅި ކައުންސިލް އެއްކޮށް ބައެއް އަތޮޅުތަކުގެ ހުރިހާ ރަށަކަށް ގޮސްފައި އެބަހުއްޓެވެ.
"މިސާލަކަށް އުތީމު ގަނޑުވަރު ބަލާލަން ދާހިތްވިޔަސް މެންބަރުން އެއްވެލާފައި، ރާވާލައިގެން މުޅި އަތޮޅަށް އެބަ ދަތުރު އަޅާ،" އޭނާ ވިދާޅުވި އެވެ.
ބައެއް ކައުންސިލްތަކުން އާދަކާދައަކަށް ހަދާފައިވާ ކަންކަމާ ހެދި ލާމަރުކަޒީ ނިޒާމް ރާއްޖެ އަށް ތައާރާފް ކުރުމުގެ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުން މި ސުވާލު އުފައްދަ އެވެ. ސަރުކާރުން ދޭ ފައިސާ އިން ދެމެހެއްޓެނިވި ގޮތެއްގައި ރަށު ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބައެއް ކައުންސިލްތަކުން އަމަލު ކުރަނީ އެހީ ދޭ ޖަމިއްޔާއެއް މަސައްކަތް ކުރާ އުސޫލުންނެވެ.
ކޮންމެ ރޯދަމަހަކާ ދިމާކޮށް ވަރަށް ގިނަ ކައުންސިލްތަކުން މުޅި ރަށަށް ކާށި ބަސްތާ ނުވަތަ ހަނޑު, ހަކުރު ފުށް ހަދިޔާ ކުރުމުގެ މަސައްކަތް ކުރެ އެވެ. އެއް ކައުންސިލަކުން އެފަދަ "މަޝްރޫއެއް" އިއުލާން ކުރާ އިރަށް އެހެން ކައުންސިލްތަކުން ވާދައަށް ރަށު ހުރިހާ ގެއެއްގެ ކަރަންޓު ނުވަތަ ފެން ބިލު ދައްކައިދޭން ނިންމާނެ އެވެ.
މިފަދަ ކަންކަމުގެ ސަބަބުން ވަގުތީ ގޮތުން ރައްޔިތުންގެ އަތަށް ކުޑަ ލިޔެއް ލިބުނަސް އެކަން ހަގީގަތުގައި ކުރަން ޖެހޭ ގޮތެއް ނޫނެވެ. ދައުލަތުން ދޭ ބަޖެޓުން އެފަދަ ކަންކަން ކުރަން ނިންމުމުގެ ބަދަލުގައި މިސާލަކަށް ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ބޭރުގެ ފަންޑިން އެޖެންސީއަކުން ސޯލާ ޕެނަލް ޕްރޮޖެކްޓެއް ހޯދައި އެ ހަރު ކޮށްފި ނަމަ ދާއިމަށް ރައްޔިތުންގެ ކަރަންޓު ބިލު ގާތްގަނޑަކަށް ސުމަކަށް ތިރި ކުރެވުނީ އެވެ.
ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާށިތައް ބެހުމަށް މިއަދު ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ އިމާރާތުގައި ތައްޔާރު ކުރަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު
"ރަށު ކައުންސިލްތަކުން އޮޕަރޭޓް ކުރަންވީ އަތަށް ލިބިފައި ހުރި ފައިސާކޮޅު ވީހާ ވެސް އަވަހަށް ހުސްކޮށްލައިގެން އިތުރު ކަންކަން ކުރަން. އަނެއްކާވެސް ސަލާން ޖަހަން ޖެހޭ ގޮތަކަށް ނޫން. އެ އަށް ވުރެ ޕްރޯ އެކްޓިވް ވެގެން ކުޑަ ވަރެއްގެ ދައުލަތެއް ވެސް ހިންގާ އުސޫލުން ބޭރުގެ އެހީތެރިކަމާ އެކީ އެތައް ކަމެއް ކުރެވޭނެ. ތިމާވެއްޓާ ގުޅޭ ވެސް އެތައް ބައިވަރު ބޭރުގެ ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގޭނެ،" އެކަމާ ގުޅޭ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ކައުންސިލްތައް އެހީ ޖަމިއްޔާއެއް ގޮތަށް އޮޕަރޭޓް ކުރާ ކަމަށް ބުނެވޭ އަނެއް ސަބަބަކީ ކުދި ރަށްރަށުގައި ބޮޑު އެކްސިޑެންޓެއް ހިންގުމުން ވެސް ބައެއް ކައުންސިލްތަކުން "އިޖުތިމާއީ ކަންކަމަށް ދޭ އެހީ" ގެ ނަމުގައި މީހުންގެ ބޭސްފަރުވާ އަށް ފައިސާ ދީފައި ވުމެވެ.
"މިހާރު" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބައެއް ކައުންސިލްތަކުން އެހީގެ ގޮތުގައި ލައްކައަކާ ގާތް ކުރާ އަދަދަށް ފައިސާ ދީފައި އެބަހުއްޓެވެ.
ރަށުގައި ފުޓުބޯޅަ މުބާރާތެއް ހިންގަން ވިޔަސް އެކަމަށް ފައިނޭންސް ކުރަން ޖެހޭނީ ކައުންސިލުންނެވެ. އެ މުބާރާތައް ސްޕޮންސާ ހޯދަން ވިޔަފާރިވެރިންނަށް އެޕްރޯޗް ކުރުމުގެ ބަދަލުގައި ކައުންސިލުގެ އަހަރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި އެކަން ހަދައި އެތައް ލައްކަ އިން މުބާރާތްތަކަށް ހަރަދު ކުރެ އެވެ. ތަންދޮރު އޮޅުން ނުފިލާ ވަރަކީ މިއީ ބައެއް ކައުންސިލްތަކުން ވަރަށް ފަހުރުވެރިކަމާ އެކީ ފާހަގަ ކުރާ ކަންކަމެވެ.
އޮޑިޓާ ޖެނަރަލް އޮފީހުން ކޮންމެ އަހަރަކަށް ހަދާ ކައުންސިލްތަކުގެ އަހަރީ ފައިނޭންޝިއަލް ރިޕޯޓުތަކުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އެތައް އަމަލެއް ހިންގާފައި ކައުންސިލްތައް ވަރަށް ގިނަ އެވެ. މި ފަހުން އާންމު ކުރި ބައެއް ރިޕޯޓުތަކުގައި ވެސް ޒަކާތާއި އެހެނިހެން ކަންކަމަށް ނަގާ ފައިސާ މީރާ އަށް ޖަމާ ނުކުރުމާއި ރެކޯޑުތައް ނުބެލެހެއްޓުމާއި މާލިއްޔަތު ގާނޫނުގައިވާ ގޮތަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގާ ވަރަށް ގިނަ މައްސަލަތައް ފެންމަތިވި އެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި އޮޑިޓް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހެން ބައެއް މުއައްސަސާތަކެކޭ އެއްގޮތަށް ކައުންސިލްތަކުން ވެސް އެފަދަ މައްސަލަތައް ފެނުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ކައުންސިލްތަކުގައި ހިނގާ ބޮޑެތި މައްސަލަތައް މިހާރު މި ހަދާ ފައިނޭންޝަލް ރިޕޯޓަކުން އެކަނި ސާފެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ކައުންސިލްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ނުވަތަ ޕާފޯމަންސް އޮޑިޓެއް ހަދައިފި ނަމަ ބޭކާރު ހަރަދު ކުރުން ނުވަތަ އެހެނިހެން ގޮތް ގޮތަށް ގަވައިދާ ހިލާފާށް ހިންގާ އަމަލުތައް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެފަދަ އޮޑިޓަކުން އެންމެ ފަހުން ފަޅާ އަރާފައި ވަނީ ދުވާފަރު ކައުންސިލްގެ މައްސަލަ އެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހެދި ރިޕޯޓަކުން ހާމަވި ގޮތުގައި އެ ކައުންސިލްގެ މެންބަރުން ވަނީ ކައުންސިލަށް ލިބޭ އާމްދަނީ އަމިއްލަ އެކައުންޓަށް ލައިގެން ބޭނުން ކޮށްފަ އެވެ.
ގަވައިދާ ހިލާފާށް މާލީ މުއާމަލާތްތައް ހިންގުމުގެ އިތުރުން ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް މުސާރަ ދިނުމާއި ގާނޫނާ ހިލާފު އެތައް ކަމެއް އޮތީ ކޮށްފަ އެވެ. ބައެއް ކައުންސިލަރުން ބަރާބަރަށް މުސާރަ ނަގަމުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން ގޮސްފައިވާ ކަމަށް ވެސް އެ ރިޕޯޓުން ހާމަވި އެވެ.
ނަމަވެސް އޮޑިޓާ ޖެނަރަލް އޮފީހުން މިހާރު ވެސް އޮޑިޓްތަކުގައި ދެ އަހަރެއްހާ ދުވަސް ފަހަތުގައި އުޅޭ އިރު ކައުންސިލްތަކުން ކުރާ ބޭކާރު ހަރަދުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމުގެ ވިސްނުމެއް އަދި ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން ކޮންމެ އޮޑިޓެއްގައި މާލިއްޔަތު ގާނޫނާ އެއްގޮތަށް އަމަލު ކުރަންވީ ގޮތުގެ ލަފައެއް އޮންނަނީ ދީފަ އެވެ.
"އެ ރިކޮމެންޑޭޝަންތަކަށް ޖަވާބުދާރީ ކުރުވުން މި އޮންނަނި ފިނޭންސްގެ ޒިންމާއެއް ގޮތުގައި. އޮޑިޓާ ޖެނަރަލް އޮފީހުން އެކަން އޮޑިޓުގައި ލިޔުއްވާފައި އިތުރަށް ކަމެއް ނުކުރެވޭ. އެހެން ނަމަވެސް ތަކުރާރުކޮށް އެއް މައްސަލަތަކެއް ދިމާވިޔަސް ޒިންމާ ކުރުވާ ތަނެއް ނުފެނޭ." އޭނާ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުގެ އިސް ބޭފުޅުން މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ޖަވާބުދާރީވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތައް ވެސް ޒިންމާ ނުކުރެވުމުގައި އޮޑިޓާ ޖެނަރަލް އޮފީހުގެ މައްސަލަތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކަންވެ ނިމި އެތައް ދުވަހެއް ވާ ފަހުން އޮޑިޓް ހަދައި ރިޕޯޓް ނެރުމެވެ.
"ގާނޫނުގައި މި ބުނަނީ މާޗު 31 އަށް ފައިނޭންޝިއަލް ސްޓޭޓްމަންޓު ލިބިފައި މެއި އަށް އޮޑިޓް ނިންމަން ޖެހޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން އަދިވެސް މި އުޅެނީ 2021 ނުވަތަ 2022 ހިސާބުގެ އޮޑިޓް ރިޕޯޓުތަކުގައި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު"އަށް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމް މި ހިނގަނީ އެންމެ ސަސްޓެއިނަބަލް މޮޑަލް އަކަށް ނޫނެވެ. ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއްގެ ބަޔަކު އިންތިހާބުވުމާއި ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރަން ޖެހުމާއި އަބަދު ދައުލަތުން ފައިސާ އިންޖެކްޓު ކޮށްގެން ނޫނީ ނުހިންގޭ ގޮތަށް ކައުންސިލް އޮތުމަކީ ރަށަށް ވެސް ލިބޭ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ކައުންސިލަރުންނަށް މަދު ކައުންސިލަރުންތަކެއް އިންތިހާބު ކުރަން ޖެހޭ ގޮތަށް ހަދައި އެ ފަރާތްތަކަކީ ވެސް ސިޓިން އެލަވަންސް އެއް ލިބޭ ބައެއް ގޮތުގައި ހެދުމެވެ. އަދި ކައުންސިލުގެ ހިންގުމުގެ މަސައްކަތްތައް މާލިއްޔަތު ގާނޫނަށް ފަރިތަ ސެކްރެޓަރީ ޖެނަރަލް ކުރައްވަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކޮށްފި ނަމަ ނަތީޖާ ރަނގަޅުވެ ދިމާވާ މައްސަލަތައް ވެސް މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުން ވެސް ހުރީ އެފަދަ ގޮތަކަށެވެ. އެހެން ނަމަވެސް ކައުންސިލަރުންނަށް ސިޓިން އެލަވަންސް އެއް ދިނުމުގެ ބަދަލުގައި ދާއިމީ ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ފަހު އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ދާއިމީ ކޮމިޓީތަކެއް އުފައްދައި އެ ކޮމިޓީތައް ރަނގަޅަށް ފަންގްޝަން ކުރުވުމެވެ.
"މިސާލަކަށް ޓޫރިޒަމް ސެކްޓާ ފުޅާވެފައި އޮތް ރަށެއްގައި މި ކޮމިޓީގައި އިންނަވާނެ އެ ދާއިރާގެ ބޭފުޅެއް. އަދި ސްކޫލްތަކާއި ހެލްތު ސެންޓަރާއި އެހެނިހެން ދާއިރާތަކުން ވެސް މެންބަރުން ހިމެނޭނެ. އެ މީހުން ދޭނީ ސިޓިން އެލަވަންސް އެއް." ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް.-- ފޮޓޯ: މިނިސްޓްރީ
އެކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލްތައް އެފިޝަންޓުކޮށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށްޓަކައި މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ.
ނަމަވެސް ސަރުކާރުން އެކަން ކުރާނީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން އަންނަނީ މި ނިޒާމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާއެއް ހަދަމުން. ސަރުކާރުގެ ވިސްނުން ހުރީ އެ ދިރާސާ ހަދައި ނިމުމުން އޭގެ މައްޗަށް ބިނާކޮށް ހެޔޮ ބަދަލުތަކެއް ގެނައުން،" އޭނާ ވިދާޅުވި އެވެ.
ކޮންމެހެން ބަދަލު ކުރަން ޖެހޭ އެއް ކަމެއް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ބްލޮކް ގްރާންޓް ދެވޭ ގޮތް ގިނަ ރަށްރަށަށް އެހާ އިންސާފުވެރިއެއް ނޫނެވެ. ބައެއް ރަށްރަށަކީ އާބާދީގެ ގޮތުން ކުޑަ ވިޔަސް ބަލަހައްޓަން ޖެހޭ ސަރަހައްދު ބޮޑު ރަށްތަކެއް ކަމަށާއި ނަމަވެސް ލިބޭ ބަޖެޓު ކުޑަ ވުމުގެ ސަބަބުން މުނިސިޕަލް ފަދަ ހިދުމަތްތައް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލް މެންބަރުންގެ އަދަދާއި އެހެން ތަޖުރިބާކާރުންގެ ރެޕްރެޒެންޓޭޝަން އޮތުމާއި އެހެނިހެން ބޮޑެތި ބަދަލުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެކަންކަމަށް ތާއީދު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްއެންޔޫގެ ދިރާސާ ނުނިމެނީސް ވަކި އެއްޗެއް އެކަމުގައި ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިރާސާ ހަދާ ނިމުމުން ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ބާއްވައި ރައްޔިތުން ހޭލުންތެރި ކުރުވުމާއި ހިޔާލު ހޯދައި މި މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލަރުންގެ އިތުރުން ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އަންހެން ބޭފުޅުންގެ ދައުރު މިހާރު އޮންނަ ގޮތަކީ ވެސް ދެކޮޅު ނުޖެހޭ އުސޫލެކެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް ހުރި ނަމަވެސް ރަނގަޅަށް ހިންގާ އެފަދަ އެއްވެސް ކޮމިޓީއެއް މަދުން ނޫނީ ނެތެވެ.
އެކަމަކު، މުސާރަ ދީގެން އެ ފަރާތްތައް ވެސް ގެންގުޅެން ޖެހޭ އިރު މިހާރު ރޯދަ އެލަވަންސާއި އެހެނިހެން ކަންކަމަށް ވެސް އެ ކޮމިޓީތަކުން ކުރަމުން އަންނަ ޑިމާންޑު ދަނީ އިތުރުވަމުންނެވެ.
ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާ އެކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް އުވެން ޖެހެ އެވެ. އެގޮތަށް ގާނޫނު ބަދަލު ކުރުމުން ރަށުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މިހާރު ކުރިޔަށް ވުރެ ބޮޑެވެ. ދެތިން ގޮނޑި ވެސް ބައެއް ކައުންސިލްތަކުގައި އަންހެނުން ނަގާފައި އެބަހުއްޓެވެ. އެހެންވެ ވަކިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮތުން މުހިންމެއް ނޫނެވެ.
ނިޒާމުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް އަންނަން ޖެހެނީ މި ހުރިހާ ކަމެއް އޯވަ ސީ ކުރުމުގެ ޒިންމާ އޮތް އެލްޖީއޭ އަށެވެ. ކުރު ގޮތަކަށް ބުނާނަމަ އެ އޮތޯރިޓީ މިހާރު އޮންނަނި ފާޑަކަށް ދެފެން ދޭތެރޭގަ އެވެ. ކައުންސިލްތަކުން ކުރާ މައްސަލަތައް ބަލައި ރެގިއުލޭޓް ކުރުމާއި ފިޔަވަޅު އަޅަން ޖެހުނަސް މިދިޔަ ފަސް އަހަރުގެ އަދި މި ސަރުކާރުގެ ވެސް މައިގަނޑު ވިސްނުމަކީ ކައުންސިލްތަކާ ނުބެހުމެވެ. ފިޔަވަޅު ނޭޅުމެވެ. ބޯޑުން ނިންމައިގެން އިންކުއަރީއެއް ހެދުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެލްޖީއޭ އިން ނުކުރެ އެވެ.
އޭގެ ބަދަލުގައި އެލްޖީއޭ އިން ތަމްރީން ދިނުމުގެ މަސައްކަތްތަކެއް ކުރެ އެވެ. މިހާރު ސިޓީޒް މިނިސްޓްރީން ވެސް ކުރަނީ ހަމަ އެ މަސައްކަތެކެވެ. މިފަހަކާ ޖެހެންދެން ކައުންސިލްތަކުގެ އިމާރާތް އަޅައިދިނުމުގެ މަސައްކަތް ވެސް އަމިއްލަ އަށް ނަގައިގެން އުޅެނީ އެލްޖީއޭ އެވެ. މިހާރު އެ މަސައްކަތް ވެސް ސިޓީޒް މިނިސްޓްރީން ކުރެ އެވެ. އޭގެ އިތުރުން ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ޑްރޯންތައް ގަތުމާއި ޕްލޭނިންގެ މަސައްކަތްތައް ވެސް އެލްޖީއޭ އިން ކުރެ އެވެ.
އެހެން ގޮތަކަށް ބުނާނަމަ ކައުންސިލްތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރުން ފިޔަވައި އެހެން ހުރިހާ މަސައްކަތަކަށް އެލްޖީއޭ އޮތީ ބޭނިފަ އެވެ. ނަމަވެސް ހަގީގަތުގައި އެ އޮތޯރިޓީ ވާންވީ އެކި ފަރާތްތަކުގެ ރެޕްރެޒެންޓޭޝަން އޮންނަ އަދި ހަމައެކަނި ރެގިއުލޭޓް ކުރުމަށް އޮންނަ މިނިވަން ބޮޑީއަކަށެވެ.
ކައުންސިލްތަކުގެ މައްސަލަތައް ބެލުމަށް އެއް މޭޒަކަށް އެރުމަށް ފަހު އެކަމާ ގުޅޭ ގޮތުން ސިޓީޒް މިނިސްޓްރީ އަށް ލަފާ އެރުވުމެވެ. އެހެން ނަމަވެސް މިއީ ސަރުކާރުން އަދި އެހެން މުއައްސަސާއަކުން ވެސް ދައްކަން ބޭނުން ވާހަކައެއް ނޫނެވެ.
ކައުންސިލް އިންތިހާބު ބޯމަތީ އޮއްވާ މިފަދަ ވާހަކަތައް ދައްކާ ނަމަ ސަރުކާރަށް ކުރިމަތިވާނެ ފާޑުކިޔުން ބޮޑު ވާނެ އެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ތާރީހެއް ދައްކައި އޭގެ ސިޔާސީ ފައިދާ ނަގަން ވެސް މަސައްކަތް ކުރާނެ އެވެ. އެކަމަކު ދައުލަތަށް ބުރަ ކުޑަކޮށް ރަށްރަށަށް ފުރިހަމަ ފައިދާ ހޯދައި ދޭން ސިޔާސީ ބަހުސްތަކަށް ވުރެ ދުރަށް ސަރުކާރުން ވިސްނަން ޖެހެ އެވެ. ހެޔޮ ނިޔަތެއް އޮވެގެން ރަނގަޅު މިސްރާބަކަށް މި ނިޒާމް ގެންދަން އުނދަގޫ ފިޔަވަޅު އަޅަން ޖެހެ އެވެ.
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް
ލާމަރުކަޒީ ނިޒާމަށް ދެން އަންނަން އޮތީ ބޮޑު ބަދަލެއް!
މާލެ ތޮއްޖެހުމުގެ އަސްލަކީ މަރުކަޒީ ވިސްނުން: ރައީސް
އާ ކައުންސިލްތަކާ ދެމެދު ވެސް ސިޔާސީ "ބޮޑު ފާރު"
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބުކޮށްފި
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފަށައިފި