Roadha Mihaaru
ކަރަންޓް ޖެހި، މީހަކު މަރުވުމުން ފެނަކަ ޖޫރިމަނާކޮށްފި

އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލާގައި ފެނަކައަށް 50،000ރ. ގެ ޖޫރިމަނާއެއް

23 ޖުލައި 2024

ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އަދި އެ ކުދިން ސަލާމަތްކުރަން އުޅުނު މީހާ މަރުވި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތުމުން އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އަދި އެ ކުދިން ސަލާމަތްކުރަން އުޅުނު މީހާ މަރުވި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތުމުން އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މި ހާދިސާ ހިނގީ އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް ކުޑަކުއްޖަކު ކަރަންޓުގައި ޖެހުމުންނެވެ. އަދި އެ ހާދިސާގައި މަރުވީ އެ ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރި 18 އަހަރުގެ ޒުވާނެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގި ގޮތް ބެލިއިރު، ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީކަން ކަމަށެވެ. އަދި ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުުގައި ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ މި ހާދިސާ ހިނގީ މަގުބައްތި ތަކުގެ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވެފައި ކަމަށް ވާތީ އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާގެ 50،000ރ. ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މިފަދަ އިތުރު ހާދިސާތަކެއް ހިނގައިދިޔަ ނުދިނުމަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި މި މުއްދަތުގައި ހަރުނުކުރެއްވިނަމަ، އެ ހިދުމަތް މެދުކަނޑާލުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.

އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކުރިއިރު، އެ ކުންފުނިން ފަހުން ހެދި އިންސްޕެކްޝަނަކަށް ފަހު އެ ކުންފުނިން ބުނެފައިވަނީ ގިނަ ރަށްރަށުގެ މަގުބައްތި ހުރީ ރައްކާތެރި ގޮތަކަށް ނޫން ކަމަށެވެ.