Roadha Mihaaru
ކަރަންޓާއި ފެނުގެ ޖޫރިމަނާ މާފުވާނީ ބިލް ދެއްކުމުން

ކަރަންޓާއި ފެނުގެ ޖޫރިމަނާ މާފުވާނީ ހިދުމަތުގެ އަގު ދެއްކުމުން

26 މާޗް 2024

އާންމުން ދިރިއުޅޭ ގެތަކުގައި ކަރަންޓާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށާއި ޖޫރިމަނާ މާފުވާނީ ހިދުމަތަށް އެރި އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާންމުން ދިރިއުޅޭ ގެތަކުގައި ކަރަންޓާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށާއި ޖޫރިމަނާ މާފުވާނީ ހިދުމަތަށް އެރި އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުން މިއަދު ބުނެފި އެވެ.

ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މާފުކުރަން ހަމަޖެހިފައިވަނީ 2023 ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް ކަމަށާއި އެއްފަހަރާ ވެސް އަދި ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

މަތީން ވިދާޅުވި ގޮތުގައި، ފެނުގެ ހިދުމަތުގެ ބިލުތަކުގެ ޖޫރިމަނާއަށް 17 މިލިއަނެއްހާ ރުފިޔާ އަރާފައިވެ އެވެ. އޭގެ ތެރޭގައި 3،000 ކަސްޓަމަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެން އަދި ކަރަންޓުގެ ބިލުގެ ޖޫރިމަނާ ވެސް މާފު ވާނީ ބޭނުން ކޮށްފައިވާ ހިދުމަތަށް ފައިސާ ދެއްކުމުންނެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމަށް ތަންފީޒްކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް އޭގެ ލުއިފަސޭހަ ލިބިގެން ދާނެ އެވެ.

"މި ބިލްތައް ނުދެއްކި މިއޮތީ ޖޫރިމަނާގެ ވަރަށް ބޮޑުބައެއް އަރާފައި އޮތުމުން. އަދި އާންމު ރައްޔިތުން ވަރަށް ބޮޑު ދަރަންޏަކުން ސަލާމަތްވެގެންދާނެ،" މުއާޒް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، އޭޕްރީލް 1 އިން ފެށިގެން މިއަހަރު ނިމެންދެން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ސްޓެލްކޯގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އޭނާ ވިދާޅުވީ، ބިލުތަކަށް އަރާފައިވާ އަދަދަށް ވުރެ ބައެއް ކަސްޓަމަރުންގެ ޖޫރިމަނާ ބޮޑުވެފައިވާ ކަމަށާއި މިއީ ލިބިގެން ދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.