Roadha Mihaaru
ރައްޔިތުންގެ އެންމެފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ރައްޔިތުން އަމިއްލައަށް ހިންގި އެންމެ ފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

08 ސެޕްޓެމްބަރ 2022

ރައްޔިތުން އަމިއްލައަށް ކަރަންޓުގެ ހިދުމަތް ދެމުން އައި އެންމެ ފަހު ރަށް ކަމަށްވާ ރ. އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ އިއްޔެ ހަވާލުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރައްޔިތުން އަމިއްލައަށް ކަރަންޓުގެ ހިދުމަތް ދެމުން އައި އެންމެ ފަހު ރަށް ކަމަށްވާ ރ. އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ އިއްޔެ ހަވާލުކޮށްފި އެވެ.

އުނގޫފާރު އިންޖީނުގެ އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެެއްގަ އެވެ.

ރަށްރަށުގެ ރައްޔިތުން އަމިއްލަ މަސައްކަތުން ގާއިމުކޮށް ހިންގަމުން އައި އިންޖީނުގެތަކުގައި ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ދިނުމަށް ދަތިވާތީ އެތަންތަން ސަރުކާރުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރު އެވެ. ފެނަކައިން ބުނީ އުނގޫފާރު އިންޖީނުގެއާ އެކު އެ މަސައްކަތް ފުރިހަމަވެފައިވާ ކަމަށެވެ.

އުނގޫފާރުގައި 24 އަހަރު ވަންދެން ރައްޔިތުން ހިންގަމުން އައި އެ އިންޖީނުގެ ފެނަކައާ ހަވާލުކުރީ އެރަށު ކައުންސިލަށް އެތަން ހިންގަން ދަތިވާތީ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ އެ ކުންފުނީގެ ހިންގުމުގެ ދަށުން ދެމެހެއްޓެނިވި ނިޒާމަކަށް ކަރަންޓު ޔަގީންކުރާނެ ކަމަށާއި ވަރަށް އަވަހަށް އެ ރަށު ނެޓްވޯކް އަޕްގްރޭޑްގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އުނގޫފާރަށް ބޭނުންވާ ކަރަންޓު މެދުނުކެނޑި ދިނުމަށްޓަަކައި، 800 ކިލޯވޮޓްގެ އާ ޖެނެރޭޓަރެއް މިހާރު އެރަށަށް ގެންގޮސް އެ އިންސްޓޯލްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފެނަކަ

ފެނެކައާ އިންޖީނުގެ ހިންގުން ހަވާލުކުރީ ލިބޭ އާމްދަނީ އަށް ވުރެ ހިންގުމުގެ ހަރަދު ބޮޑުވުމާއި ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުގެ ސަބަބުން އިތުރު ގޮތެއް ހޯދަން މަޖުބޫރުވެގެން ކަމަށް އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ރަސްމިއްޔާތުގައި ވާހަކަދަކަވަނީ: އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރެއްވި.

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ރަސްމިއްޔާތުގައި ވާހަކަދަކަވަނީ: އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރެއްވި.

މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ހަކަތައިގެ ދާއިރާގެ އެންމެ މުހިންމު ކަމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތެއް އެއީ، 2030 ގެ ކުރިން މިގައުމު ނެޓް ޒީރޯ ގައުމަކަށް ހެދުން. އެގޮތުން، ހޯމް ސޯލާގެ ދަށުން ނޮވެމްބަރު މަހުގެ ކުރިން 1000 ގޭގައި ސޯލާ ޕެނަލް ހަރުކުރެވިގެން ދާނެ،" ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ކުނި މެނޭޖް ކުރުމަށްޓަކައި ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ގްރީން ޓެކްސް އިން ވަކި މިންވަރެއް ދޭނެ އެވެ.