Roadha Mihaaru
ކަރަންޓުގައި ޖެހުނު ޒުވާނާ އަދިވެސް ވެންޓިލޭޓަރުގައި

ކަރަންޓުގައި ޖެހުނު ޒުވާނާ އަދިވެސް ވެންޓިލޭޓަރުގައި

03 ޖޫން 2024

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

މިދިޔަ މަހު 23 ގައި ހިނގި ހާދިސާގައި ކަރަންޓުގައި ޖެހުނީ އެ ރަށު ދޫނިހުރާ، ހުސެއިން އަތީގު އެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭރު ވެސް އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ. އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 26ގައި މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އަތީގުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

"ހާލު ވަރަށް ކްރިޓިކަލް، ވަރަށް އަނިޔާ ލިބިފައި ހުރީ، ސްކޭންތަކުން ދައްކަނީ ބްރެއިން އާއި ކިޑްނީއަށް ގެއްލުންވެފައި ހުރި ކަމަށް،" އޭނާ ބުންޏެވެ.

އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ހާލު ސީރިއަސްވި އަތީގު އުޅުނީ އެ ކުއްޖާ ސަލާމަތްކުރުމަށެވެ.

އޭނާއަށް އަނިޔާވީ އަށް އަހަރުގެ ކުއްޖާ ސަލާމަތްކުރުމުގެ ތެރޭގައި ފެންގަނޑަށް ވެއްޓި ކަރަންޓު ހުރި ހޮޅިދަނޑީގައި އަތްލެވުމުންނެވެ.

އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ.