Roadha Mihaaru
ވަގުތަށް ފަރުވާތެރި ނުވާތީ ސިޓީ މިލިއަނުން ޖޫރިމަނާ

ވަގުތަށް ފަރުވާތެރި ނުވާތީ ސިޓީ މިލިއަނުން ޖޫރިމަނާ ކޮށްފި

01 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 1) - އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ މެޗުތައް ފެށުމުގައި ވަގުތަށް ފަރުވާތެރި ނުވާތީ އެ ކުލަބް 2.1 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފި އެވެ.

ލަންޑަން (އޮގަސްޓް 1) - އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ މެޗުތައް ފެށުމުގައި ވަގުތަށް ފަރުވާތެރި ނުވާތީ އެ ކުލަބް 2.1 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފި އެވެ.

ސިޓީން ވަނީ ފާއިތުވި ދެ ސީޒަން މަތިން، "މަގުބޫލު އުޒުރެއް ނެތި" މެޗު ފެށުމާއި، މެޗުތަކުގެ ދެވަނަ ހާފު ފެށުމުގައި ޖުމްލަ 22 ފަހަރު ވަގުތަށް ހުރުމަތްތެރިކޮށް ނުހިތައި، ލީގުގެ ގަވާއިދާ ހިލާފުވެފަ އެވެ. އަދި ސިޓީން ވަނީ މިކަމަށް އެއްބަސްވެފަ އެވެ.

ސިޓީން ވަނީ 2022/2023 ސީޒަންގައި އަށް މެޗެއްގައި ހާފްޓައިމަށް ފަހު އަލުން ފެށުމުގައި ލަސްކޮށްފަ އެވެ. އޭގެ އަދަބެއްގެ ގޮތުން ވަނީ 390،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ.

އަދި މިދިޔަ ސީޒަންގައި ސިޓީން ވަނީ 14 ފަހަރު ފެށުން ލަސްކޮށްފަ އެވެ. އޭގެ ތެރެއިން ދެވަނަ ހާފު ފެށުން، 11 ފަހަރު ލަސް ކޮށްފައި ވެއެވެ. މިއާ ގުޅިގެން 1.7 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ސިޓީއަށް އައިސްފައިވެ އެވެ

ސިޓީން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗު ފެށުން ދެ މިނިޓާއި 46 ސިކުންތަށް ލަސްކޮށްފަ އެވެ. އެ މެޗާ ގުޅިގެން ސިޓީ ވަނީ 200،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ.

މެންޗެސްޓާ ސިޓީ ޖޫރިމަނާ ކުރުމަށް ފަހު ޕްރިމިއާ ލީގުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ސިޓީން ގަވާއިދާ ހިލާފު ވެފައި ވާތީ އެ ކްލަބުން މާފަށް އެދިފައި ވާކަމަށާއި މީގެ ސަބަބުން ކުޅުންތެރިންނާއި ކުލަބުގެ މެނޭޖްމަންޓް ޓީމަށް އެމީހުންގެ ޒިންމާ ހަނދާން ކޮށްދެވިފައި ވާކަމަށެވެ.

މީގެ އިތުރުން މެޗުތައް ފަށަން ހަމަޖެހިފައިވާ ގަޑިތަކަށް ފަރުވާތެރި ނުވާނަމަ، ލީގުގެ ޕްރޮފެޝަނަލްކަން ގެއްލި، މެޗުތައް ލައިވް ބްރޯޑްކާސްޓް ކުރާ ޝެޑިއުލަށް އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ކަން ޕްރިމިއާ ލީގުން ހާމަ ކުރެ އެވެ.

ޕްރިމިއާ ލީގުން ވަނީ ސިޓީން ގަވާއިދާ ހިލާފުވެގެން 115 ދައުވާއެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި 2009 ވަނަ އަހަރުގެ މައްސަލަތައް ވެސް އެބަ ހުއްޓެވެ. ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ ކޮމިޝަނުން މި އަހަރުގެ ފަހުކޮޅު މި މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނެ ކަމަށް ލަފާކުރެވެ އެވެ.

ސިޓީން ވަނީ އެ 115 ދައުވާއަށް ވެސް އިންކާރު ކޮށްފަ އެވެ. ސިޓީން ބުނާގޮތުގައި ދައުވާތަކަށް އިންކާރު ކުރެވޭ ވަރަށް ކުލަބުގައި ހެކި އެބަހުއްޓެވެ.