Roadha Mihaaru
ފަޒާލް އާއި ރިޗާގެ ދަރިފުޅުގެ ފޮޓޯއެއް

ފަޒާލް އާއި ރިޗާގެ ދަރިފުޅުގެ ފޮޓޯއެއް

21 ޖުލައި 2024

ބޮލީވުޑްގެ ސްޓާ ކަޕުލްއެއް ކަމަށްވާ އަލީ ފަޒާލް އާއި އޭނާގެ އަންހެނުން ރިޗާ ޗައްޑާގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ބޮލީވުޑްގެ ސްޓާ ކަޕުލްއެއް ކަމަށްވާ އަލީ ފަޒާލް އާއި އޭނާގެ އަންހެނުން ރިޗާ ޗައްޑާގެ އަލަތު ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ރިޗާ ވިހެއީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފަޒާލް އާއި ރިޗާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި އެ ދެމަފިރިންގެ ތުއްތު ދަރިފުޅުގެ ފައި ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ދަރިފުޅުގެ މޫނެއް ނުފެނެ އެވެ.

"މިއީ އަހަރެމެންނަށް ލިބުނު ބޮޑު ރަހުމަތެއް. ދަރިފުޅުގެ ކަންކަމުގައި އަހަރެމެން ވަރަށް ބިޒީ. އެންމެން ފޮނުވި ހެޔޮދުއާ އާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އެ ފޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

އަލީ އާއި ރިޗާ ރަށްޓެހިވީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ފިލްމު "ފުކްރޭ"ގެ ޝޫޓިންގެ ތެރެއިން 2013 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނިކުރީ ކޮވިޑްގެ ދުވަސްވަރު 2020 ވަނަ އަހަރު އެވެ. ނަމަވެސް ކައިވެނި ޕާޓީ ބޭއްވީ އޭގެ ދެ އަހަރު ފަހުން 2022 ވަނަ އަހަރު އެވެ.

ދެމަފިރިން އެކުގައި މިހާރު ވަނީ އަމިއްލަ ފިލްމް ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފައްދައިފަ އެވެ. ޕުޝިން ބަޓަންސް ސްޓޫޑިއޯސްގެ ނަމުގައި އުފެއްދި އެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފިލްމު "ގާލްސް ވިލް ބީ ގާލްސް" ވަނީ މިދިޔަ ޖެނުއަރީ މަހު ސަންޑޭންސް ފިލްމު ފެސްޓިވަލުގައި ޕްރިމިއާކޮށްފަ އެވެ.