Roadha Mihaaru
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް

ހާފިޒުންގެ އިނާޔަތް ދެގުނަ ބޮޑުކޮށް، ގުރުއާންގެ އިލްމު ކުރިއަރުވަން ގިނަ ކަންކަން ރައީސް އިއުލާންކުރައްވައިފި

16 ޖުލައި 2024

ހާފިޒުންނަށް ދޭ އިނާޔަތްތައް ދެގުނަ ބޮޑުކޮށް، ވަސީލަތްތައް އިތުރުކުރުމާ އެކު ކީރިތި ގުރުއާނުގެ އިލްމު ފަތުރައި ދީނީ ކަންކަން ކުރިއަރުވަން ސަރުކާރުން ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހާފިޒުންނަށް ދޭ އިނާޔަތްތައް ދެގުނަ ބޮޑުކޮށް، ވަސީލަތްތައް އިތުރުކުރުމާ އެކު ކީރިތި ގުރުއާނުގެ އިލްމު ފަތުރައި ދީނީ ކަންކަން ކުރިއަރުވަން ސަރުކާރުން ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިގެން އަންނަ މަންޒަރަކީ އެމަނިކުފާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދީނީ ކަންކަން ކުރިއަރުވައި ގުރުއާނުގެ އިލްމު ފެތުރުމަށެވެ. ހާފިޒުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ އިތުރުން، ގުރުއާނާ ބެހޭ ދާއިމީ މަރުކަޒެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކޮށް، ދީނީ ކަންކަމަށް ކުރާ ހޭދަ ވެސް އިތުރުކުރައްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމްދީނުގެ މަތީގައި ދިވެހިން ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް 900 އަހަރު ވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދިގު މުއްދަތުގައި ދިވެހިންނާ ކީރިތި ގުރުއާނާ ދެމެދު އުފެދިފައި ވަނީ ވަރަށް މަތިވެރި، ފުން ގުޅުމެއް ކަމަށެވެ.

"ދިވެހިންގެ ސަގާފަތަކީ ތުއްތުކުދިންނަށް އަކުރު އުގަންނައިދޭން ފަށާ ހިސާބުން ކީރިތި ގުރުއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު،" ރައީސް ވިދާޅުވި އެވެ.

"ދަރިންނަށް ކީރިތި ގުރުއާން ކިޔަވާށާއި ލިޔަން ދަސްކޮށް ދިނުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު ކޮންމެ ގެއެއްގައި ކީރިތި ގުރުއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ގުރުއާން ހަތިމުކޮށް، ކިޔުއްވުން އޮވޭ. އެއީ އެ ޒަމާން."

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. -- ރައީސް

ދިވެހިންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވުމަކީ ދިވެހިންނަށް އެންމެ ލާބަ ހުރި ގޮތް ކަމަށް ވާތީ، ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގުރުއާނުގެ އިލްމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ ކަންކަމާއި ކުރަން ރާވާފައިވާ ބައެއް ކަންކަން އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ދީނީ ކަންކަން ކުރިއަރުވަން ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން "ދާރުއްސަލާމް"ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުން.

• "ދާރުލްއަރްގަމް"ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ނިންމައި، ބިން ވަނީ ހަމަޖެހިފައި.

• ހިލޭ ގުރުއާން ކިޔެވޭނެ ކްލާސްތައް އިތުރުކުރުން.

• ހާފިޒުންނަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެ މީހުންނަށް ދޭ އިނާޔަތް ދެގުނަ ބޮޑުކުރުން.

• ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދަން ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުން.

• ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހެދުން.

"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރަން ވެސް އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން.-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ވެސް ކީރިތި ގުރުއާން ކަމަށެވެ. އެ ފޮތަށް އެނބުރިދާން ޖެހޭ ކަމަށާއި އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި ވެސް ބަހާއި އަމަލުން ސީދާވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ގުރުއާން ކަމުގައިވުމަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގުރުއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިއާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަ އާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސް މިކަމަށް ސަރުކާރުން އިސްކަންދޭނެ އެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ އަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަން،" ރައީސް ވިދާޅުވި އެވެ.