Roadha Mihaaru
ތިނަދޫ ކައުންސިލަށް ދެ މިލިއަންގެ ކުލި ނުލިބޭ: އޮޑިޓް

12 ބިމަކުން ތިނަދޫ ކައުންސިލަށް ލިބެން ޖެހޭ 2މިލިއަން ހޯދާކަށް މަސައްކަތެއް ނުކުރޭ: އޮޑިޓް

14 ޖުލައި 2024

ގދ. ތިނަދޫ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށާއި އެ ފައިސާ ހޯދަން ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ގދ. ތިނަދޫ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށާއި އެ ފައިސާ ހޯދަން ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން 12 ބިމެއްގެ ކުލީގެ ގޮތުގައި އެ ކައުންސިލަށް 2،499،640ރ. ލިބެން ޖެހެ އެވެ.

އޭގެ ތެރޭގައި ކުލި ނުދައްކާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިންތައް ހުރި އިރު ބައެއް ތަންތަނުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ފައިސާ ހޯދަން ތިނަދޫ ކައުންސިލުން ބައެއް ފަރާތްތަކަށް ސިޓީ ފޮނުވުމުގެ އިތުރުން އިތުރު މަސައްކަތެއް ކޮށްފައިވާ ކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނީ ކައުންސިލަށް ނުލިބި ހުރި ފައިސާގެ ތަފްސީލް ބަލަހައްޓަން ޖެހޭ އިރު ކައުންސިލަށް ލިބެން ޖެހޭ ކަމަށް ބަޖެޓުގައި ހިމަނާފައިވާ ތިން މިލިއަން ރުފިޔާގެ ތަފްސީލް ވެސް ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން ކުލީ ބިންތަކުގެ ދަފްތަރުގައި ކުލި ލިބޭ ހުރިހާ ބިންތަކުގެ މައުލޫމާތު ވެސް ހިމަނާފައި ނުވާ ކަމަށާއި ކުލި ލިބޭ ގޮތުގެ މައުލޫމާތު އަޕްޑޭޓް ކޮށްފައި ނުވާތީ މާލީ ބަޔާންތަކުގެ ސައްހަ ކަން ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ތިނަދޫ އެން-20 ބްލޮކް ފިހާރަ ތަރައްގީކުރަން ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ފަސް ވަނަ އަހަރާއި ހަ ވަނަ އަހަރު 4004.40ރ. އަދި ހަތް ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރަށް 5959ރ. ދައްކަން ޖެހެ އެވެ.

އެއްބަސްވުމުގެ ހަތް ވަނަ އަހަރު އޮގަސްޓު 2019 ގައި ފެށިފައިވީ ނަމަވެސް ބިމު ކުލި ދައްކަމުން ގޮސްފައި ވަނީ 4004ރ. ގެ ރޭޓުން ކަމަށާއި އެހެންވެ ކައުންސިލަށް 99،716ރ. މަދުން ދައްކާފައި އޮތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ ވެސް ހޯދަން ލިޔެކިޔުމުން އެ ފަރާތަށް އަންގާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ލޭންޑް ޔޫޒް ޕްލޭން ނުހަދާ ބޮޑު ބިމެއް ދޫކުރި!

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށްރަށުގެ ބިން ބޭނުން ކުރެވޭނީ އެ ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ހަދާ ނިމިގެންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު އޮގަސްޓު މަހުގެ ނިޔަލަށް ވެސް ތިނަދޫ ކައުންސިލުން އެ މަސައްކަތް ނުނިންމަ އެވެ.

އެހެން ނަމަވެސް މަސް ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރަން ބަޔަކަށް 230،000 އަކަފޫޓުގެ ބޮޑު ބިމެއް 35 އަހަރަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ބިން ދިނީ ފުރަތަމަ އަހަރު އެއްވެސް ކުއްޔެއް ނުދައްކައި ދެވަނަ އަހަރުން ފެށިގެން ހަތް ވަނަ އަހަރަށް މަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް 0.15 ލާރި ދައްކާ ގޮތަށެވެ. އަދި ހަތް ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރަށް މަހު ކުލީގެ ގޮތުގައި 0.50 ލާރި ދެއްކުމަށް ފަހު 11 ވަނަ އަހަރުން ފެށިގެން އަކަފޫޓަކަށް 1 ރުފިޔާ ދައްކާ ގޮތަށެވެ.

އޭގެ އިތުރުން ބިއްލޫރި ފުޅީގެ ފެން ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރުމަށް ވެސް ބަޔަކަށް 5000 އަކަ ފޫޓުގެ ބިމެއް 10 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ.

އޮޑިޓް އޮފީހުން ލަފާ ދީފައި ވަނީ ލޭންޑް ޔޫޒް ޕްލޭންތައް އެކުލަވާނުލައި އެއްވެސް ބިމެއް ކުއްޔަަށް ނުދިނުމަށެވެ.