Roadha Mihaaru
އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް ގިޔާސް

އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް ގިޔާސް އައްޔަންކޮށްފި

11 ޖުލައި 2024

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ.

ގިޔާސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އެވެ. އޭނާއަކީ ޓޫރިޒަމް ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން، އެ މަގާމުގައި ހުންނެވީ އައިޝާ ނޫރްއައިން އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގާ ހިޔާލު ތަފާތުވެގެންނެވެ.

އޭގެފަހުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ފާތިމަތު ތައުފީގު ވަކިކުރި އެވެ.

އެމްއެމްޕީއާރްސީގެ މޭޖިން ޑިރެކްޓަރުގެ މަގާމާ އިބްރާހިމް ޝިއުރީ ހަވާލުވެވަޑައިގެން ކުންފުނީގެ ހިންގުމަށް ބައެއް ބަދަލުތައް ވަނީ ގެންނަވައިފަ އެވެ.

އެގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއި ޗީފް ކޯޕަރޭޓް އޮފިސަރު އިބްރާހިމް އާސިމް ވަކިކުރަން ބޯޑުން ވަނީ ނިންމައިފަ އެވެ. އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު ވެސް އުވާލަން ނިންމި އެވެ. އެކަމަކު، އެ މަގާމުގައި ހުންނެވި މުވައްޒަފު ވަނީ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޝިއުރީ ވިދާޅުވީ ކުންފުނި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އޮނިގަނޑު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ އެ ފިޔަވަޅު އެޅީ ކަމަށެވެ. އޭގެ ތެރެއިން ކުންފުނީގައި ދެ ޑެޕިއުޓީ މެނޭޖިން ޑިރެޓަރުން ބޭތިއްބުމުގެ ބަދަލުގައި އެކަކަށް ފުރުސަތު ދޭން ނިންމައި ޗީފް ކޯޕަރޭޓް އޮފިސަރު އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު އުވައިލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ޖެހެނީ ގާތްގަނޑަކަށް އެއް މަސައްކަތެއް. އޮންނަނީ އެއް މަސްއޫލިއްޔަތެއް. އެހެންވީމާ މަގާމުތައް އުވާލީ. އެއީ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ގެނައި ބަދަލެއް،" އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ މަހު އައްޔަންކުރި ޝިއުރީ ވިދާޅުވި އެވެ.