Roadha Mihaaru
"ޓޫރިޒަމްގައި އަންހެނުންނަށް އޮތް ހުރަހަކީ ދެކޭ ގޮތް"

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ: ފަސްޓް ލޭޑީ

19 އޯގަސްޓް 2024

ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު 50 އަހަރާ އެކު ކުރިއެރުން ހޯދަމުން އަންނަ އިރު، އެ ދާއިރާގައި އަދިވެސް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ރިސޯޓްތަކުގައި ވަޒިފާ އަދާކުރާ އަންހެނުންނާ މެދު މުޖުތަމައުން ދެކޭ ގޮތް ވެސް ބަދަލުކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު 50 އަހަރާ އެކު ކުރިއެރުން ހޯދަމުން އަންނަ އިރު، އެ ދާއިރާގައި އަދިވެސް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ރިސޯޓްތަކުގައި ވަޒިފާ އަދާކުރާ އަންހެނުންނާ މެދު މުޖުތަމައުން ދެކޭ ގޮތް ވެސް ބަދަލުކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާ އިން އަންހެނުން ކުރިއަށް ދާން ބާރުއަޅުއްވައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ މިގޮތަށް ވިދާޅުވީ، "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވަން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ސާޖިދާ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި އަންހެނުންނަށް ކުރިމަތިވަމުންދާ މައްސަލަތަކާއި ގޮންޖެހުންތަކާ މެދު ވިސްނައި ހައްލު ހޯދަން ޖެހިފައިވާ ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކާއި ކުރިއަަރަން ހުރަހެއްގެ ގޮތުގައި އަދިވެސް އޮތީ އެ ދާއިރާ އިން ކުރިއަށް ދާން އަންހެނުން ކުރާ މަސައްކަތުގައި މުޖުތަމައުން ދެކޭ ގޮތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެ ވިސްނުމަކީ، އަންހެނުން ކުރިއަރަން އޮތް ވަރަށް ބޮޑު ހުރަހެކެވެ.

"ރާއްޖެ އިން ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު 50 އަށް ވުރެ ގިނަ އަހަރު ހޭދަކުރިއިރު އަދިވެސް މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އެތައް ގޮންޖެހުމެއް ހުރުމަކީ އެކަމާ މެދު ވިސްނަން ޖެހޭ ކަމެއް. އެއީ ވަރަށް ދެރަ ކަމެއް އަދިވެސް ފަތުރުވެރިކަމުގެ ދާއިރާގައި ވަކިން ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންނާ މެދު މުޖުތަމައު ދެކޭ ގޮތް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުންގެ ޕެނަލްގައި ހިމެނޭ ބައިވެރިން، ފަސްޓް ލޭޑީއާ އެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ | ރައީސް އޮފީސް

ސާޖިދާ ވިދާޅުވީ ވަޒީފާ ދިނުމުގައި އަންހެނަކަށް ވީތީ ތަފާތުކުރުން ގެންގުޅުމަކީ ވެސް އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ އަމަލުތަކަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތް ފަހަތަށް ދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އަކީ ނިސްބަތުން އަންހެނުން މަދު ދާއިރާއެއް ކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވިދާޅުވީ ރިސޯޓުތަކުގައި ވެސް މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދުވަނީ ފަހި މާހައުލެއް ނެތުމުން ކަމަށެވެ.

ވަޒީފާ އަދާކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން އޮތުމަކީ ވެސް އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން މަދުވާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުންނަށް، މަސަައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް ފަސްޓް ލޭޑީ ވާހަކަ ދެއްކެވި އެވެ.

އެކަމަނާ ވިދާޅުވީ ވިހެއުމުގެ ޗުއްޓީ ފަދަ، އަންހެނުންނަށް ބޭނުންވާނެ ކަންކަން ދެނެގަނެވޭނެ ފަދަ މަސައްކަތުގެ މާހައުލެއް ގާއިމްކޮށް، ކުރިއަށް ދެވޭނެ މަގު ކޮށައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގައި ވެސް ހަގީގީ ބަދަލެއް ގެނައުމަށް ވިސްނައި ހަރުދަނާ ސިޔާސަތުތަކެއް ކުރިއަރުވަން ބޭނުން ނަމަ އަންހެނުންގެ އަޑު އަހަން ޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލު ހޯދައިދިނުން ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން ހުޅުވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން، ފަސްޓް ލޭޑީއަށް ހަނދާނީ ފިލައެއް އަރުވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.