Roadha Mihaaru
ވިލާގެ ރިސޯޓްތަކަށް ސުލްހަވެރި ހައްލެއް ބޭނުން: މަޓާޓޯ

ވިލާގެ ރިސޯޓްތަކުގެ މައްސަލައަށް ހޯދަންޖެހޭނީ ސުލްހަވެރި ހައްލެއް: މަޓާޓޯ

19 ޖެނުއަރީ 2018

ވިލާގެ ހަތަރު ރިސޯޓެއްގައި ގަވާއިދާ ޚިލާފަށް ބަނގުރަލާއި އޫރު މަސް ގެންގުޅުނު ކަމަށް ބުނާ މައްސަލަ ހައްލުކުރަން ޖެހޭނީ ޓޫރިސްޓުންނާއި އޭޖެންޓުންނަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ސުލްހަވެރިކޮށް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލާގެ ހަތަރު ރިސޯޓެއްގައި ގަވާއިދާ ޚިލާފަށް ބަނގުރަލާއި އޫރު މަސް ގެންގުޅުނު ކަމަށް ބުނާ މައްސަލަ ހައްލުކުރަން ޖެހޭނީ ޓޫރިސްޓުންނާއި އޭޖެންޓުންނަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ސުލްހަވެރިކޮށް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ބުނެފި އެވެ.

ވިލާގެ ހަތަރު ރިސޯޓެއްގައި ގަވާއިދާ ޚިލާފަށް ބަނގުރަލާއި އޫރު މަސް ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ވަނީ އެ ރިސޯޓްތަކަށް އަރައި، މިދިޔަ މާޗް މަހުން ފެށިގެން އެ ރިސޯޓްތަކަށް އެތެރެކޮށްފައި ހުރި ރަލާއި އޫރު މަސް ގެންދާނެ ކަމަށް އަންގައިފަ އެވެ. އެކަމަކު އެ ރިސޯޓްތަކުން ބުނެފައިވާ ގޮތުގައި ގަވާއިދާ ޚިލާފަށް އެ ތަކެތި ގެންގުޅެފައެއް ނުވާނެ އެވެ. ޓޫރިސްޓުން ފުލްކޮށް ތިއްބާ، އެ ތަކެތި ގެންގޮސްފި ނަމަ ރިސޯޓްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށް ކަމަށް އެ ރިސޯޓްތަކުން ބުނެފައިވެ އެވެ.

މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓޫރިސްޓުންނާއި ލޯކަލް އޭޖެންޓުންނަކީ ފަތުރުވެރިކަމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތްތައް ކަމަށާއި އެހެންވެ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ދެމެދު ދިމާވާ މައްސަލަތައް ހައްލުކުރަން ޖެހޭނީ ޓޫރިސްޓުންނާއި ލޯކަލް އޭޖެންޓުންނަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ ބަރޯސާވާ ސިނާއަތަކީ ޓޫރިޒަމްގެ ދާއިރާއިން ކަން ފާހަގަކޮށް، އެ ބަޔާނުގައިވަނީ އެ ދާއިރާއަށް ކޮންމެ ހީނަރު ކަމަކުން މުޅި އިގްތިސާދަށް އަސަރު ކުރާނެ ކަމަށެވެ.

ވިލާގެ ހަތަރު ރިސޯޓާ ގުޅޭ މައްސަލައިގެ މާ ބޮޑު ތަފްސީލެއް މަޓާޓޯއަށް ނުލިބޭ ކަމަށާއި އެކަމަކު މީޑިއާގައި މިވަގުތު ފެތުރެމުންދާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އަންނަން ތިބި ފަތުރުވެރިން ކަންބޮޑުވެދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެ މައްސަލައިގެ ތެރެއަށް ޓޫރިޒަމް މިނިސްޓްރީ ވަދެ، ސުލްހަވެރިކޮށް އެކަން ހައްލު ކުރަން މަޓާޓޯއިން ގޮވާލާފައިވެ އެވެ.

"މީޑިއާގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އެއީކީ ރާއްޖެ އަންނަ ބުކިން ހަދާފައި ތިބި ފަތުރުވެރިންނަށް ދެވޭ ރަނގަޅު މެސެޖެއް ނޫން،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މިހާރު ދިމާވެގެން އުޅޭ ފަދަ މައްސަލަތައް ކުރިއަށް އޮތް ތަނުގައި ދިމާ ނުވާނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަން ކަމާބެހޭ ފަރާތްތަކާ އެކު މަޓާޓޯއިން މަޝްވަރާ ކުރާނެ އެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް ކަމަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރިޝްވަތު ދިނުމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ގޮތަށް، ބޭރުގައި އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ރިސޯޓްތަކަށް ދަތިކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.