Roadha Mihaaru
18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމަށް ތާރީހީ މޮޅެއް

18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމަށް ތާރީހީ މޮޅެއް

10 ޖުލައި 2024

ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުން ބަންގްލަދޭޝްގެ މައްޗަށް 66-55 އިން ކުރި ހޯދައި، ތާރީހީ މޮޅެއް ހޯދައިފި އެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުން ބަންގްލަދޭޝްގެ މައްޗަށް 66-55 އިން ކުރި ހޯދައި، ތާރީހީ މޮޅެއް ހޯދައިފި އެވެ.

ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕްގެ ސާބާ ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ހޯދި މޮޅަކީ، ޒުވާން ޓީމު ހޯދި ބައިނަލްއަގުވާމީ މެޗަކުން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ތިންވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ ޓީމު ތިން ޕޮއިންޓުން ފަހަތުގައި އޮތް ނަމަވެސް ފަހުވަގުތު ކުރި ހިތްވަރުން ޒުވާން ޓީމުން 11 ޕޮއިންޓުގެ ބޮޑު ލީޑެއް ހޯދި އެވެ.

މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ، 18 ޕޮއިންޓާއި ފަސް އެސިސްޓްގެ އިތުރުން 15 ރީބައުންޑް ނެގި އައިކް އަހުމަދު މައުރޫފެވެ.

މެޗު ފެށުމުގެ ކުރިން ޒުވާން ގައުމީ ޓީމް، ކޯޗު ޒިލާ އާއެކު.-- ފޮޓޯ: ސިޑިބަރި

މެޗު ފެށުމުގެ ކުރިން ޒުވާން ގައުމީ ޓީމް، ކޯޗު ޒިލާ އާއެކު.-- ފޮޓޯ: ސިޑިބަރި

ސްރީލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ސްޓާޓްކުރީ އައިކް މައުރޫފްގެ އިތުރުން މުހައްމަދު ނާފް އިރުޝާމް، އައިކް އަަހުމަދު މައުރޫފް، އަލްދާން އައިކް ރަމީޒް، ކައިލް އަބްދުﷲ ނަޝީދު އަދި ކެޕްޓަން މުހައްމަދު އައިކް ވަޖީހު އެވެ.

ކޯޗު މުހައްމަދު ޒިލާލް (ޒިލާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ޒުވާން ޓީމުގައި ދެން ހިމެނެނީ މުހައްމަދު އައިދިން އަހުމަދު، އަހުމަދު ލީމް ހުސެއިން ޝިފާއު، އިސްމާއިލް ޒުއިޒް މުހައްމަދު، ލަޔާން އަހުމަދު ޝަމީލް، މުހައްމަދު ކައިފް ޝަހްރާން، އަބްދުﷲ އަލާން އިރުފާން އަދި އިބްރާހިމް ނައުހާން ނާއިޒް އެވެ.

ރާއްޖެ އަދި ބަންގްލަދޭޝް އާއެކު ކޮލިފައިންގައި ދެން ހިމެނެނީ އިންޑިއާ އާއި ސްރީލަންކާ އެވެ. މި ދެ ޓީމު މިއަދު ބައްދަލުކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 88-44 އިންނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު އިންޑިއާއާ ވާދަކުރާއިރު، ހުކުރު ދުވަހުގެ ހަވީރު، ފަހު މެޗުގައި ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ.