Roadha Mihaaru
ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް ހާއްސަ ކާނާ ފޮތެއް

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް ހާއްސަ ކާނާ ފޮތެއް ނެރެފި

04 ޖުލައި 2024

ކުއްޖާގެ ފުރަތަމަ 1،000 ދުވަހަށް ހާއްސަކޮށްގެން "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތް" މިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުއްޖާގެ ފުރަތަމަ 1،000 ދުވަހަށް ހާއްސަކޮށްގެން "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތް" މިއަދު ލޯންޗުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި ހެދި ފޮތް ނެރެދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް އަދި އާކް ގުޅިގެން ތައްޔާރުކުރި 30 ރެސިޕީ ހިމެނޭ ފޮތުގެ ޕީޑީއެފް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

އެ ފޮތުގައި، 6 މަހާއި ދެ އަހަރާ ދޭތެރޭގެ ކުދިންނަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާއި ފައިދާ ހުރި ތަފާތު ކާނާ އިހުތިޔާރު ކުރާނެ ގޮތް އަދި ކެއިން ބުއިމުގެ އާދަތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިރާސާތަކާ ހަވާލާދީ ކާނާ ފޮތުގައި ބުނެފައި ވަނީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅު ވަމުން އައި ކަމުގައި ވިއަސް ރާއްޖެއަށް އަންނަ ހަލުއި ކުރިއެރުމާއި ތަރައްގީއާ އަޅާބަލާއިރު، ނިއުޓްރިޝަން ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަނގަޅު ވަމުން ނުދެ އެވެ.

ކުޑަ ދަރިފުޅު ހެދިބޮޑުވުމަށް އެންމެ މުހިއްމީ، ރަހިމުގައި ގަރުބަގަތީއްސުރެ އުމުރުން ދެ އަހަރު ވަންދެން ނުވަތަ ފުރަތަމަ 1000 ދުވަހެވެ. މި މުއްދަތުގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުއްޖާ ހެދިބޮޑުވަމުން އަންނަ އަދި ވަކިން ހާއްސަކޮށް ވަރަށް އަވަހަށް ސިކުނޑި ތަރައްގީ ވަމުން އަންނަ ދުވަސް ވަރެއް ކަމަށް ފޮތުގައި ބުންޏެވެ.

އެހެންވެ، އެ މުއްދަތުގެ ތެރޭގައި ކުޑަދަރިފުޅު ހެދިބޮޑުވާން ބޭނުންވާ ފައިދާ ހުރި ކާނާ އާއި ލޯތްބާއި އަޅާލުން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިއްޖެ ނަމަ ކުއްޖާ ހެދިބޮޑުވުމުގައި ތަފާތު ސިއްހީ މައްސަލަތަކާ ދިމާވާކަން ފާހަގަކުރި އެވެ.

ރާއްޖޭގައި 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ އާދަތަކަކީ ޅައުމުރުން ފެށިގެން ގައިގައި އަށަގަންނަ ކަމަކަށް ވާތީ އެފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖޭގެ ނިއުޓްރިޝަން ހާލަތު ރަނގަޅުކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ފޮތުގައި ބުންޏެވެ.

"މި ފޮތުގެ ބޭނުމަކީ ބެލެނިވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކޮށްގެން އުމުރާ ގުޅޭ ގޮތަށް ފައިދާހުރި ކާނާ ތައްޔާރު ކުރާނެ ގޮތާއި ފައިދާ ހުރި ކާނާ ކާން ދިނުމުގެ މުހިއްމުކަން އަދި ރައްކާތެރި ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި ކުއްޖާ ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިއްމު މައުލޫމާތު ފޯރު ކޮށްދިނުން. ދަރިފުޅަށް ކާންދޭ ކާނާއެކޭ އެއްފަދައިން ކާންދޭ ވަގުތާއި ގޮތް ވެސް ވަރަށް މުހިއްމު. މިގޮތުން ރެސްޕޮންސިވް ފީޑިން ނުވަތަ ކުއްޖާ ޝާމިލް ކޮށްގެން ކާންދިނުމުގެ މައްޗަށް ވެސް މި ފޮތުގައި އަލި އަޅުވާލެވިފައިވާނެ،" މިނިސްޓްރީން ބުންޏެވެ.