Roadha Mihaaru
ހެކް ކުރުމާއި ސައިބާ ކްރައިމް ކުށަކަށް ހަދާ ބިލް އަލުން މަޖިލީހަށް

ހެކް ކުރުމާއި ސައިބާ ކްރައިމް ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަން އަލުން ހުށަހަޅައިފި

03 ޖުލައި 2024

ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އަލުން އިސްލާހު ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އަލުން އިސްލާހު ހުށަހަޅައިފި އެވެ.

ގާނޫނުލްއުގޫބާތަށް އިތުރު ކުރާ ކުށްތަކުގެ އިސްލާހަކީ މިދިޔަ ސަރުކާރުން ތައްޔާރުކޮށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް، މިދިޔަ އަހަރު ހުށަހެޅި ބިލާ މެދު އެ މަޖިލީހުގައި ގޮތެއް ނުނިންމަ އެވެ.

ހަމަ މި އިސްލާހު މިހާރު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އިސްލާހު ހުށަހެޅުއްވީ މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ރިޒާ އެވެ.

ގާނޫނުލްއުގޫބާތަށް އިތުރުކުރާ ކުށްތައް

1. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން

2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން

3. ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން

4. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން

5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން

6. ސައިބާ ވަޔަލަންސްގެ އަމަލުތައް

7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް

8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް

9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.

ސައިބަކްރައިމްގެ ކުށްތަށް ރާއްޖޭގައި ގިނަވަމުންދާއިރު، އެފަދަ ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކުށްތައް ތަކުރާރު ވުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ.