Roadha Mihaaru

މާފަށް ނޭދި ދިފާއުގައި ފަލާހު ނެންގެވީ އުލުބޭންދުން އަމިއްލައަށް މާނަކުރައްވާ ގޮތް

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ޖަލްސާގައި ގޮވައިލުން އޭނާ މިރޭ ދިފާއު ކުރައްވައިފި އެވެ.

ދިފާއުގައި ފަލާހު ނެގީ އުލުބޭންދުން އޭނާ މާނަކުރާގޮތް

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ޖަލްސާގައި ގޮވައިލުން އޭނާ މިރޭ ދިފާއު ކުރައްވައިފި އެވެ.

ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމާމެދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާއެއް ހޯދުމާ ގުޅޭ ހަބަރާ ގުޅުވައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ ނޫސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ.

މި މައްސަލާގައި އޭނާ ޖަލަށްލާނަމަ، ޖަލުގައި ރަހްމަތްތެރިންނަށްވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާއި އެމްޑީޕީގެ މަޖިލީސް މެމްބަރުން އަދި "އެންމެ ގިނަވާނީ" ނޫސްވެރިންކަމަށް ފަލާހު ވިދާޅުވި އެވެ.

"ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ، އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައުމުގަ ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި، މީހަކު މަރަން ބުނެފައެއް ނޯންނާނެ އެވެ.

"އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް. ކުރިއަށްއޮތްމަދު ދުވަސްކޮޅުތެރޭ މަތީގައި ވާ ރައްޓެހިންނާ ބައްދަލުވާނެކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަތަކަކީ އިމްތިޔާޒު ލިބިގެންވާ ކަމެކެވެ. އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.

އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފަ އެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ. މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.

އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.

ފަލާހް އެގޮތަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބަޔަކު ދެއްކި ވާހަކަތަކެކެވެ.

ފަލާހު ޖަލްސާގައި ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ނުބުނެވޭނެ ކަމަށާއި އެކަން ބަލާނެ ކަމަށެވެ. ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.