Roadha Mihaaru
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓު އަލުން އުފައްދައިފި

ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓު އަލުން އުފައްދައިފި

30 ޖޫން 2024

ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލާފައިވާތާ ގިނަ ދުވަސް ތަކެއް ފަހުން އެ ޑިޕާޓްމަންޓު އަލުން އުފައްދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އުވާލާފައިވާތާ ގިނަ ދުވަސް ތަކެއް ފަހުން އެ ޑިޕާޓްމަންޓު އަލުން އުފައްދައިފި އެވެ.

ވެހިކަލްތަކުން ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ރައްކާތެރިކަން ބަލަހައްޓަމުން އައި އެ ޑިޕާޓްމަންޓް އުވައިލީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު، ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ.

އޭގެ މިހާ ހިސާބަށް މާލޭގެ މަގުމަތީގެ ޓްރެފިކް ބެލެހެއްޓީ ޕޮލިސް ސްޓޭޝަންތަކުގެ އޮޕަރޭޝަނަލް ޝިފްޓުތަކުންނެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ކުރިއަށް އޮތް ހަތަރު އަހަރަށް ފުލުހުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން މާދަމާ އިން ފެށިގެން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އަލުން ހިންގާނެ އެވެ.

އޭގެ އިތުރުން ގޭންގް ކްރައިމް އެންފޯސްމަންޓާއި އެންޓި ސްކޭމް ސެންޓަރާއި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީއަކީ މި ބަދަލުގެ ތެރެއިން އަލަށް އުފައްދާ ޑިޕާޓްމަންޓުތަކެވެ.

އާ އޮނިގަނޑު ހަދާފައިވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭ ގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވެލްގެ 17 ކަމެއްގެ މައްޗަށް ބަހާލައިގެންނެވެ.

ހުޅުމާލޭގައި ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި ޕޮލިސް ސްޓޭޝަން ހަދާފައި ވެ އެވެ. އެ ދެ ތަން ވެސް ދެން ހިންގާނީ، ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ދަށުންނެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.