Roadha Mihaaru
އެސްއޯއީތައް އިސްލާހު ކުރުން ދެ ހަފްތާ ތެރޭ ފަށަނީ

އެސްއޯއީތަކުގެ އިސްލާހީ މަސައްކަތްތައް ދެ ހަފްތާއެއްގެ ތެރޭ ފަށާނަން: ޝަފީގު

26 ޖޫން 2024

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އެސްއޯއީތަކުގެ އެސެސްމެންޓް ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ފަހު ހަރަދުތައް ކުޑަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އެސްއޯއީތަކުގެ އެސެސްމެންޓް ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ފަހު ހަރަދުތައް ކުޑަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގައި އެންމެ ބޮޑު އެއް ހޭދައެއް ކުރަންޖެހެނީ އެސްއޯއީތަކަށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު އެސްއޯއީތަކާ މެދު އަޅާނެ ފިޔަވަޅުތަކާ ގުޅޭ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ފޮނުވައި، އެކަންކަން ތަންފީޒު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ވަކިވަކި އެސްއޯއީތަކުގެ އެސެސްމެންޓްތައް ހެދުން ކަަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ މަސައްކަތްތައް ނިންމާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށްފަހު ދެން ފަށާނީ އެސްއޯއީތަކާ މެދު ފިޔަވަޅުތައް އެޅުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، އެސެސްމެންޓަށް ފަހު، އުވާލަން ޖެހޭ ކުންފުނިތައް އުވާލައި، އެއްކޮށްލަން ޖެހޭ ކުންފުނިތައް އެއްކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި ގާނޫނެއްގެ ތެރެއިން އެކުލަވައިލާފައިވާ ކުންފުނިތަކާ މެދުވެސް ކަން ކުރާނެ ގޮތްތައް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްއޯއީތަކަށް ރަނގަޅަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭތީ އޮޕަރޭޝަނަށް ބުރޫ އަރާ ހިސާބުގައި އެބަހުރި. އެސްއޯއީތަކަށް މުސާރަ ދީފައި ކޯ ފަންކްޝަން އަދާކުރުމަށް ވެސް ދައުލަތުގެ އެހީ އެބަ ބޭނުންވޭ. އިންޑިޕެންޑެންޓުކޮށް ދަރަންޏަށް ޒިންމާ ނަގައިގެން އެސްއޯއީތަކުގެ ގޮތުގައި ހިނގޭކަށް މިހާރަކު ނެތް. އެއަށް ވުރެ އިން އެފިޝަންޓްކޮށް މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ކުންފުނިތައް އެސެސް ކުރުމަށްފަހުގައި، ކުންފުނިތައް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕަކަށް ދިއުމާއި އާންމުކޮށް ހިއްސާ ވިއްކުމަށް ޕަބްލިކަށް ހުޅުވާލާނީ ތޯ ނުވަތަ ކުންފުނި އުވާލާނީތޯ ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިއަހަރުގެ ތެރޭގައި މިކަންތައްތައް ކުރުން. އޭރަށް ވޭސްޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެސްއޯއީގެ ބައިވެރިވުން ވަރަށް ބޮޑެވެ. މިވަގުތު ސަރުކާރު ހިއްސާވާ 3 ކުންފުނީގައި 33،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.