Roadha Mihaaru
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި

އޭޑީކޭއިން ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި

23 ޖޫން 2024

އޭޑީކޭ ހޮސްޕިޓަލުން ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ހޮސްޕިޓަލުން ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި އެވެ.

މައިބަދައިގެ މިނިމަލީ އިންވޭސިވް ލަމްބާ ސްޕައިން ފިއުޝަން (އެމްއައިއެސް) ސާޖަރީ އާއި ސިކުނޑީގެ 3ޑީ ޕްރިންޓެޑް ކްރާނިއޯޕްލާސްޓީ ސާޖަރީއަކީ ރާއްޖޭގައި އަލަށް ކުރި ދެ ސާޖަރީ އެވެ.

އޭޑީކޭ އިން ބުނީ މި ދެ ސާޖަރީ ވެސް ވަރަށް ކާމިޔާބު ކަމަށާއި ދެ ޕޭޝަންޓުން ވެސް ރިކަވާވަމުން އަންނަ ކަމަށެވެ. މައިބަދައިގެ ސާޖަރީ ހެދީ މި މަހުގެ 3 ވަނަ ދުވަހު 46 އަހަރުގެ ދިވެހި ފިރިހެެނެއްގެ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އާއްމުކޮށް މައިބަދައިގެ ސާޖަރީތަކަކީ މައިބަދައިގެ ކަށިގަނޑާއި ޑިސްކުތަކާއި ހަމައަށް ފޯރާ މިންވަރަށް ވަރަށް ބޮޑަށް ކަފާލަން ޖެހޭ ސާޖަރީތަކެކެވެ. އަލަށް އެ ހޮސްޕިޓަލުން ތައާރަފް ކުރި މިނިމަލީ އިންވޭސިވް ލަމްބާ ސްޕައިން ފިއުޝަންއިން ސާޖަރީއަށް ބޭނުން ކުރާ އިންސްޓްރުމަންޓުން ކުޑަކުޑަ ތަންކޮޅެއް ކަފާލައިގެން ސާޖަރީ ފުރިހަމަ ކުރެވެ އެވެ.

އޭޑީކޭއިން ބުނީ މިނިމަލީ އިންވޭސިވް ސާޖަރީތަކުން ރިކަވަރީއަށް ދާ ވަގުތު އަވަސްވެ, ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭ ވަގުތު ވެސް މަދުވެ, ސާޖަރީގެ ލަކުނު ކުޑަވާނެ ކަމަށެވެ. މިނިމަލީ އިންވޭސިވް ސްޕައިން ސާޖަރީން މައިބަދަ އާއި މައިބަދައިގެ ޑިސްކުތަކާއި ގުޅޭ އެކި ސާޖަރީތައް ހެދޭނެ އެވެ.

އޭޑީކޭއިން ދެ ވަނަ އަށް ކާމިޔާބުކަމާ އެކު ކުރީ 3ޑީ ޕްރިންޓެޑް ކްރާނިއޯޕްލާސްޓީ ސާޖަރީ އެވެ. މިއީ ކުރިމަތިވާ ބަލިހާލަތަކުން ނުވަތަ ލިބޭ ގެއްލުމަކުން ސިކުނޑި މާބޮޑަށް ދުޅަވުމުން ބޮލުގެ ނާށިގަނޑުގެ ތަންކޮޅެއް ރިޕްލޭސްކުރުމަށް ހަދާ ސާޖަރީއެކެވެ.

މި ސާޖަރީގައި ނާށިގަނޑުގެ ހަލާކުވެފައިވާ ބަޔަށް ބޭނުންވި 3ޑީ ޕްރިންޓުކޮށް ގެނެސްފައި ވަނީ ރާއްޖެއިން ބޭރުންނެވެ. އޭޑީކޭއިން ކްރާނިއޯޕްލާސްޓީގެ ސާޖަރީތައް 2014 ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ ނަމަވެސް މިއީ 3ޑީ ޕްރިންޑެޓް ކްރާނިއޯޕްލާސްޓީ ހެދި ފުރަތަމަ ފަހަރެވެ.

މި ސާޖަރީ ކުރީ މި މަހު 18 ވަނަ ދުވަހު 25 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އެވެ.

މި ސާޖަރީތަކުގައި އިސްކޮށް އުޅުއްވީ އޭޑީކޭ ހޮސްޕިޓަލުގެ ނާރުތަކާއި ބެހޭ ބަލިތަކުގެ ސީނިއާ ކޮންސަލްޓަންޓު ޑރ. އަލީ ނިޔާފް އާއި ޑރ. ކިރަން ނިރައުލާ އެވެ.