Roadha Mihaaru
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް

ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް

23 ޖޫން 2024

ކޮލޯން (ޖޫން 22) - ރޮމޭނިއާ އާ ވާދަކޮށް 2-0 އިން މޮޅުވެ، ބެލްޖިއަމް އިން ޔޫރޯ މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.

ކޮލޯން (ޖޫން 22) - ރޮމޭނިއާ އާ ވާދަކޮށް 2-0 އިން މޮޅުވެ، ބެލްޖިއަމް އިން ޔޫރޯ މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.

މި މޮޅާ އެކު، ގުރޫޕް އީގެ ހަތަރު ޓީމު ވެސް މިވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފި އެވެ. ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި އޮތީ ރޮމޭނިއާ އެވެ. ދެވަނައިގައި ބެލްޖިއަމް އޮތްއިރު، ތިންވަނައިގައި އޮތީ ސްލޮވާކިއާ އެވެ.

ބެލްޖިއަމް އިން މެޗު ފެށީ އެންމެ 73 ސިކުންތުގައި ރޮމެލޫ ލުކާކޫ ތަނަވަސް ކުރި ފުރުސަތަކުން ޔޫރީ ޓީލެމެންސް ޖަހައިދިން ގޯލުންނެވެ. ބެލްޖިއަމް ހަމަޖެހިލީ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ކެޕްޓަން ކެވިން ޑިބްރޭނާ ޖަހައިދިން ގޯލުންނެވެ.

ދެވަނަ ހާފުގައި ލުކާކޫ ބެލްޖިއަމް އަށް ގޯލެއް ޖަހައިދިން ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މިއީ އޭނާ މިއަހަރުގެ މުބާރާތުގައި ޖެހި ގޯލެއް ވީއޭއާރުން ބަލައި ނުގަތް ތިންވަނަ ފަހަރެވެ.

ފުރަތަމަ މެޗުގައި ސްލޮވޭކިއާއާ ދެކޮޅަށް ލުކާކޫ ޖެހި ދެ ގޯލެއް ވީއޭއާރުން ކެންސަލް ކުރި އެވެ. އެ މެޗުގައި ސްލޮވޭކިއާއާ ވާދަކޮށް ބެލްޖިއަމް ބަލިވީ 1-0 އިންނެވެ.

މި ގުރޫޕްގެ ފަހު ދެ މެޗު ވެސް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. ގަދަ ދެ ގައުމުގެ އިތުރުން ގުރޫޕްތަކުގެ ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް ވެސް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.