Roadha Mihaaru
އަޒްމީނަށް 40،000ރ. ދިނީ ކުރީގެ މަސައްކަތަށް

އަޒްމީނަށް ދިނީ ކުރިން ކުރި މަސައްކަތުގެ އަގަށް ޖެހޭ ފައިސާ: ޕީއެސްއެމް

17 ޖޫން 2024

ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީނަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދީފައި ވަނީ އެ ކުންފުންޏަށް އޭނާ ކޮށްދީފައިވާ މަސައްކަތުގެ އަގަށް ޖެހޭ ފައިސާ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީނަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދީފައި ވަނީ އެ ކުންފުންޏަށް އޭނާ ކޮށްދީފައިވާ މަސައްކަތުގެ އަގަށް ޖެހޭ ފައިސާ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

ޕީއެސްއެމުން އެހެން ބުނިއިރު، އަޒްމީނަށް ޕީއެސްއެމުން 40،000ރ. ދީފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ. އެކަމަކު، އެ ވާހަކަތައް އެ ކުންފުނީގެ އިސްވެރިން ދޮގުކުރައްވަ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިއްޔެ ވިދާޅުވީ، މި މަހުގެ ކުރީކޮޅު އެ ކުންފުނިން އަޒްމީނަށް ޖަމާކުރި 40،000ރ. އަކީ 2018 ގެ ވޯލްޑް ކަޕްގެ ކަވަރޭޖަށް ހާއްސަކޮށް ލިޔުނު ފޮތުގެ މަސައްކަތުގެ އަގު ކަމަށެވެ.

އެ މަސައްކަތުގެ އިތުރުން، އެ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ވެސް ތައްޔާރު ކުރި ފޮތުގެ އަގާ އެކު އަޒްމީނު، އެ ދެ މައްސަކަތާ ހަވާލުވީ 50،000ރ. އަށެވެ. ވޯލްޑް ކަޕް ފޮތުގެ މަސައްކަތުގެ އަގަކީ 40،000ރ. އެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ މަޖައްލާގެ މަސައްކަތް 10،000ރ. އަށެވެ.

"އަޅުގަނޑު ޕީއެސްއެމާ ހަވާލުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރީ. މި އަހަރުގެ ރޯދަމަހުގެ ޕްރޮގްރާމްތައް ފަށަން ބެލިއިރު 2023 ވަނަ އަހަރުގެ ގުރުއާން މުބާރާތް ވެސް ހިމެނޭ ގޮތަށް ހުރިހާ މުބާރާތެއްގެ ފައިސާ ނުދީ ހުރީ. މި ފަހަރު ރޯދަމަހުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީ އެގޮތަށް [ކުރިން] ދޭން ހުރި ފައިސާ ދީ ނިންމުމަށް ފަހު،" ޒީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޕީއެސްއެމުން އެނަލިސްޓުންނާއި ލިޔުންތެރިން ހޯދަން ބެލިއިރު ވެސް ފެންމަތިވީ އެ މީހުން ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރި މައްސަލަތަކެވެ.

ޕީއެސްއެމްގެ އެމްޑީ ޒީނާ: މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ކުންފުންޏަށް މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދީ ހުރި ގިނަ މައްސަލަތަކެއް ފެންމަތިވި ކަމަށް ވިދާޅުވި.

ޕީއެސްއެމްގެ އެމްޑީ ޒީނާ: މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ކުންފުންޏަށް މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދީ ހުރި ގިނަ މައްސަލަތަކެއް ފެންމަތިވި ކަމަށް ވިދާޅުވި.

އަޒްމީން ވެސް ކުރިން ޕީއެސްއެމަށް ކޮށްދިން މަސައްކަތުގެ ފައިސާ ނުދީ ހުރި ކަން އެނގިވަޑައިގަތީ އެ ހިސާބުން ކަމަށް ޒީނާ ވިދާޅުވި އެވެ.

"އެއީ 2018 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކެއް ވީމާ މާކެޓިން ޑިޕާޓްމަންޓް ހެޑް އަދި ގާނޫނީ ވަކީލުގެ ލަފާ ވެސް ލިޔުމުން ހޯދާފައި އަޒްމީނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 40،000 ދީފައި ވާނީ،" އެމްޑީ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވި ގޮތުގައި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އޭނާ އެއްވެސް ކަމެއް ކުރައްވާފައެއް ނުވާނެ އެވެ. މިހާރުގެ ބޯޑުން ޕީއެސްއެމާ ހަވާލުވި ފަހުން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 12 މިލިއަން ރުފިޔާ މިހާރު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ޕީއެސްއެމާ ހަވާލުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރީ. މި އަހަރުގެ ރޯދަމަހުގެ ޕްރޮގްރާމްތައް ފަށަން ބެލިއިރު 2023 ވަނަ އަހަރުގެ ގުރުއާން މުބާރާތް ވެސް ހިމެނޭ ގޮތަށް ހުރިހާ މުބާރާތެއްގެ ފައިސާ ނުދީ ހުރީ. މި ފަހަރު ރޯދަމަހުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީ އެގޮތަށް [ކުރިން] ދޭން ހުރި ފައިސާ ދީ ނިންމުމަށް ފަހު،"--- ޒީނާ

އަޒްމީނަށް ފައިސާ ދިނުމުގައި އެއްވެސް ލިޔެކިޔުމަކަށް ބަލާފައި ނުވާ ކަމަށް ކުރާ ތުހުމަތު ވެސް ޒީނާ ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕަށް ހާއްސަކޮށް އެކުލަވައިލި ފޮތް ލިޔުނީ އަޒްމީން ކަން އެނގެން އެބަ އޮތެވެ. އެ ފޮތް އެކުލަވާލުމުގައި އަޒްމީން ކުރި މަސައްކަތައް ޕީއެސްއެމްގެ ނަމުގައި ޝުކުރު އަދާކޮށް، އެ ފޮތުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް ޒީނާ ވިދާޅުވި އެވެ.

ކުރީގެ ކުޅިވަރު ނޫސްވެރިޔާ، އަޒްމީން ވަޒީފާ އަދާކުރަނީ ރައީސް އޮފީހުގަ އެވެ. ނޫސްވެރިކަމުގެ ދާއިރާއިން ދުރަށް ދިއުމަށް ފަހު ކުޅިވަރު އެނަލިސްޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެ އެވެ.

މިހާރު ކުރިއަށް ގެންދާ ޔޫރޯގައި ޕީއެސްއެމްގެ ކަވަރޭޖްގައި އެނަލިސްޓެއްގެ ގޮތުގައި އޭނާ ބައިވެރިވެ އެވެ.