Roadha Mihaaru
މި އަހަރުގެ ޔޫރޯގެ ހުރިހާ މެޗެއް ޕީއެސްއެމުން ދައްކާނެ

ޔޫރޯގެ ހުރިހާ މެޗެއް ޕީއެސްއެމުން ދައްކާނެ

29 މެއި 2024

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދާފައިވާ ކަމަށާއި ހުރިހާ މެޗެއް ވަގުތުން ދައްކާނެ ކަން ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަދު ބުނެފި އެވެ.

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދާފައިވާ ކަމަށާއި ހުރިހާ މެޗެއް ވަގުތުން ދައްކާނެ ކަން ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބޭއްވި މީޑިއާ ބްރީފިންއެއްގައި މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުންޏަކީ ޕީއެސްއެމް ކަމަށެވެ.

"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،" ޒީނާ ވިދާޅުވި އެވެ.

ޓީވީއެމާއި ޔޭސް ޓީވީ އިން ވަގުތުން ހުރިހާ މެޗެއް ވެސް އަލްޓްރާ އެޗްޑީކޮށް ގެނެސްދިނުމަށް ހަމަޖެހިފައި ވާއިރު، ބެލުންތެރިން މި ކަމަށް އިތުރު އަގެއް ދައްކާކަށް ނުޖެހޭނެ އެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި "ޔޫރޯ 2020" ދައުލަތުގެ މީޑީއާ އިން ގެނެސް ނުދިނުމުން އާއްމުން އެކަމާ ކަންބޮޑޫވުން ފާޅުކުރި ކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ، އެ މުބާރާތް ނުދެއްކުނީ، މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދައްކަން ޖެހިފައި ހުރި ދަރަނިތައް ނުދައްކާ ހުރުމުން ކަމަށެވެ. އެކަމަކު، މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށް ޒީނާ ވިދާޅުވި އެވެ.

ހަމަ އެއާ އެކު، މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމަށް ސަރުކާރުގެ ފަރާތުން ޕީއެސްއެމަށް ދިން އެއްބާރުލުމަށް ޒީނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.

ޖަރުމަނުގެ 10 ސިޓީއެއްގައި މި އަހަރުގެ ޔޫރޯ މުބާރާތް ބާއްވާނީ ޖޫން 14 އިން ޖުލައި 14 ގެ ނިޔަލަށެވެ. ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި މުޅި އެކު 51 މެޗު ކުޅޭނެ އެވެ.