Roadha Mihaaru
އެޕާޓްމަންޓުން ފޭރޭ ގްރޫޕްގެ ވަނަވަރު އާއްމުކޮށްފި

ހިޔާގެ އެޕާޓްމަންޓަށް ގެންގޮސް ފޭރޭ ގްރޫޕްގެ ވަނަވަރު އާއްމުކޮށްފި

13 ޖޫން 2024

އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ ވަނަވަރު މިއަދު އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ ވަނަވަރު މިއަދު އާއްމުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ މަކަރާ ހީލަތުން H5-03-18 އެޕާޓްމަންޓަށް މީހުން ގެންގޮސް ބްލެކްމެއިލްކުރި ފަސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މައްސަލައަކާއި އޭޕްރީލް މަހު ތިނެއް އަދި މިދިޔަ މަހު އެއް މައްސަލަ އެވެ. ނަމަވެސް، ގާނޫނާ ހިލާފު ކުށްތަކަށް އަރައިގަތުމާއި ބަރަހަނާ ވީޑިއޯތައް ލީކްކުރުން އަދި ތަފާތު ކުށުގެ ރިކޯޑުތައް އޮތް މީހުން ބައިވެރިވާ ކަމަކަށް ވާތީ، މި ކަމުގައި ދެން ހިމެނޭ މީހުންނަށް ނުރައްކަލެއް އޮވެދާނެތީ ރިޕޯޓުނުކުރާ މައްސަލަތައް ވެސް އެބަހުރި ކަމަށް ރަޖްނީ ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ؛

- މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ، 24

- ދަފްތަރު ނަމްބަރު 1835، އާއާޔަތު އައްބާސް، 30

- ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް، 43

- ގ. ކަނދުމާގެއާގެ، ސަމާހް އަލީ، 31

- ދ. ކުޑަހުވަދޫ، ސަންފްލާވާ، މުހައްމަދު މުނީރު، 35

- ނ. ވެލިދޫ، ހިފާޒު، އަހުމަދު މާޖިދު، 33

އޭގެ އިތުރުން އޭޕްރީލް 22 ވަނަ ދުވަހު އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހަކު ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން މއ. ސީނަރީވިއު، އަހުމަދު މަދީހު، 34، ހައްޔަރުކޮށްފައިވެ އެވެ. ފަނަރަ ދުވަހަށް ބަންދުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެ އެންމެންނަކީ ވެސް ތަފާތު ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ.

ފުލުހުންނަށް ރިޕޯޓުކުރި ފަސް މައްސަލައިގައި އިސްކޮށް އުޅެނީ ހުމެއިނާ އަދި އާމިނަތު އައްބާސް އެވެ. އެކަމަކު، ރަޖްނީ ވިދާޅުވީ ހުމައިނާއަކީ މާބަނޑު އަންހެނަކަށް ވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.

އެ މައްސަލައިގައި އިތުރު ބަޔަކަށް ތުހުމަތުކުރާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ އެޕާޓްމަންޓަކީ ހުމެއިނާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ލިބިފައިވާ ފްލެޓެކެވެ. އޭގެ އިތުރުން ހުމައިނާއާ ގުޅުން ހުރި އިތުރު ބަޔަކު ވެސް އެ ފްލެޓަށް ވަދެ ނުކުމެ އުޅެ އެވެ.

ރަޖްނީ ވިދާޅުވީ ހިޔާގެ އެޕާޓްމަންޓަށް މީހުން ގެންގޮސްފައިވަނީ އެ ތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާ ކަމަށް އިސްތިހާރުކޮށްގެން ކަމަށެވެ. އޭގެ ތެރެއިން، ސޯޝަލް މީޑިއާގެ އެކި ފްލެޓުފޯމުތަކުގައި އަންހެނުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައި ހަށިވިއްކާ ކަމަށް ބުނެ ފިރިހެނުންނާ ގުޅުން ބޭއްވުމަށްފަހު އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރުމަށްފަހު ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަަދެއްގެ ފައިސާ އަދި މޮބައިލް ފޯނު ފޭރިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާގެ ސަރަހައްދުން ދިމާވާ އުމުރުން ދުވަސްވީ ފިރިހެނުންނާ ވެސް ހުމައިނާ އަދި އާމިނަތު އައްބާސް ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް ހަށިވިއްކާނެ ކަމަށް ބުނެ އެ އެޕާޓްމަންޓަށް އެ މީހުން ގެންގޮސް ބިރު ދައްކާ، ބްލެކްމެއިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅީ ގަދަކަމުން ފްލެޓަށް ގެންގޮސް، ބްލެކްމެއިލްކޮށް ފޭރުނު ކަމަށް ބުނެ އެވެ. އެކަމަކު، އެ މީހުން އެތަނަަށް ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި އެ މައުލޫމާތު ފުލުހުންނަށް ލިބުނުކަން އެނގުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށް ރަޖްނީ ވިދާޅުވި އެވެ.

ހިޔާގެ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ތަކެތި ވިއްކައި އަދި ހަށިވިއްކުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ބަލާ ފާސްކޮށްފައިވާ ތަނެކެވެ. އެހެންވެ، ތަކުރާރުކޮށް ކުށްކުރަމުން ދާތީ އެކަން އެޗްޑީސީގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ހައްލުކުރަން ވާހަކަދައްކަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.