Roadha Mihaaru
ގޮތް ނިންމަނީ އެސެސްމަންޓް ރިޕޯޓް ލިބުމުން

އިއްޒުއްދީންގެ އިމާރާތުގެ މައްސަލަ: ދެން އަމަލު ކުރަން ޖެހޭ ގޮތެއް އެނގޭނީ އެސެސްމަންޓަށް ފަހު!

11 ޖޫން 2024

އިއްޒުއްދީން ސްކޫލު އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލާ މެދު ދެން އަމަލު ކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމަންޓަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޒުއްދީން ސްކޫލު އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލާ މެދު ދެން އަމަލު ކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމަންޓަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރެނދު ލާފައި ވަނީ އެ ސްކޫލްގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގަ އެވެ. އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ވަނީ މި ހަފުތާގައި ފަށައިފަ އެވެ. އެހެންވެ، އިއްޒުއްދީން ސްކޫލުގެ ކުދިންގެ ކިޔެވުން ނިންމާ ގަޑި ވެސް ވަނީ އަވަސް ކޮށްފަ އެވެ.

އިއްޒުއްދީން ސްކޫލުގެ އިމާރާތުގައި ރެނދުލާފައި ވާތީ ކުދިން ކިޔެވުން ރައްކާތެރި ނުވެދާނެ ކަމަށް ބެލެވޭތީ، އެ ސްކޫލު ބަންދުކުރަން އުޅޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ސްކޫލު ބަންދުކުރަން ނުވަތަ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ ސްކޫލާ މެދު އަމަލުކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމެންޓް ހަދައި އޭގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ބައެއް ބެލެނިވެރިން ބުނަމުން ދަނީ ސަރުކާރުން އުޅެނީ އިއްޒުއްދީން ސްކޫލް ބަންދު ކުރުމަށް ފަހު، އެ ސްކޫލުގެ ކުދިން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރާށެވެ. އަދި ދަރުމަވަންތަ ސްކޫލުގެ ބައެއް ބެލެނިވެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެހެން ބުނެފައިވާ ކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ. އިއްޒުއްދީން ސްކޫލްގެ ބައެއް ބެލެނިވެރިން ތުހުމަތު ކުރަނީ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަނީ އެ ސްކޫލްގެ ކުދިން ދަރުމަވަންތަ ސްކޫލަށް ބަދަލުކޮށް، ދަރުމަވަންތައިގައި ދެ ސެޝަނަށް ކިޔަވައިދޭން ފެށުމަށެވެ.

އެކަމަކު، ބެލެނިވެރިން ދައްކާ ވާހަކަތައް މިނިސްޓްރީގެ އޮފިޝަލް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ދަރުމަވަންތަ ސްކޫލްގެ ބެލެނިވެރިންނާ އެކު އެފަދަ ބައްދަލުވުމެއް ވެސް މިނިސްޓްރީން ރޭ ނުބާއްވާ ކަމަށާއި ފަތުރަނީ ދޮގު ކަމަށެވެ.

އިއްޒުއްދީން އިމާރާތުގައި ލާފައިވާ ރެނދު.--

އިއްޒުއްދީން އިމާރާތުގައި ލާފައިވާ ރެނދު.--

މީގެ ތިރީހަކަށް ކުރިން އޭރުގެ އެމްއީއެސް އަށް ހާއްސަކުރި އިމާރާތުގައި ރެނދެއް ލައި، އެކަން ސަމާލުކަމަށް އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ މެނޭޖުމަންޓުން ބެލެނިވެރިންނާ އެކު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް މިނިސްޓްރީގެ ޓީމުން ބުނި ކަމަށެވެ.

ޕްރިންސިޕަލާ ހަވާލާދީ، ބެލެނިވެރިން ބުނީ ރެނދު ހުރި ކަން ފާހަގަ ވެގެން ދެ ޓީމެއް ގެންގޮސްގެން ބެލި ކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫން ކަމަށް އެ ޓީމުތަކުން ބުނި ކަމަށެވެ.

އެކަމަކު، ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް ހާޒިރުވި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެފަދަ މައްސަލައެއް ފާހަގަވުމެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުގެ މެނޭޖުމަންޓުން ނިންމާފައި ވަނީ މި މައްސަލާގައި އިއްޒުއްދީނުގެ ބެލެނިވެރިންނާ އެކު ސިލްސިލާ ބައްދަލުވުންތައް ބާއްވާށެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބެލެނިވެރިން ގާތު ބުނީ، އިމާރާތުގެ އެސެސްމަންޓް ރިޕޯޓު ލިބޭނީ ކުރިއަށް އޮތް ބޮޑު އީދަށް ފަހު ކަމަށެވެ.

އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެ ސްކޫލްގައި މި އަހަރު ގްރޭޑް 10 އަށް ކިިޔަައިދޭން ފަށާފައިވާއިރު ކުދިންގެ އަދަދު 600 އަށް ވުރެ މައްޗެވެ.