Roadha Mihaaru
އިއްޒުއްދީނާއި ސަލާހުއްދީންގައި ގްރޭޑް 10 ފަށައިފި

އިއްޒުއްދީނާއި ސަލާހުއްދީން ސްކޫލުގައި އޯ ލެވެލްއަށް ކިޔަވައިދޭން ފަށައިފި

30 މެއި 2024

އިއްޒުއްދީން ސްކޫލާއި ސަލާހުއްދީން ސްކޫލުގައި އޯ ލެވެލް އަށް މި އަހަރު ކިޔަވައިދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޒުއްދީން ސްކޫލާއި ސަލާހުއްދީން ސްކޫލުގައި އޯ ލެވެލް އަށް މި އަހަރު ކިޔަވައިދޭން ފަށައިފި އެވެ.

ހުޅުމާލެ 2 ގައި މިދިޔަ އަހަރު ހުޅުވި ސަލާހުއްދީން ސްކޫލުގައި ކިޔަވައިދޭން ފެށީ ގްރޭޑް އެކަކުން ނުވައަކާ ހަމައަށެވެ. މީގެ ހަތަރު އަހަރު ކުރިން، 2020 ގައި ހުޅުވި އިއްޒުއްދީން ސްކޫލުގައި ކިޔަވައިދޭން ފެށީ ގްރޭޑް 1 އިން 6 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ދެ ސްކޫލުގައި ވެސް މި އަހަރު އޯ ލެވެލަށް ކިޔަވައިދޭން މިހާރު ފަށައި އަންނަ އަހަރު ދެ ސްކޫލުގެ ކުދިން އެ އިމްތިހާނުގައި އިށީންނާނެ ކަަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ސަލާހުއްދީން ސްކޫލު ދެ ދަންފަޅި އަށް ބަދަލުކޮށް ކިޔަވައިދޭން ފެށިއިރު، އެ ސްކޫލުން ގްރޭޑް 10 ފެށީ 75 ދަރިވަރުންނާ އެކުގަ އެވެ.

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވީ އެ ސްކޫލު ހުޅުވުނު އަހަރު ގުރޭޑް 6 ގައި ކިޔަވަން ފެށި ކުދިން މި އަހަރު ކިޔަވަނީ ގުރޭޑް 10ގައި ކަމަށެވެ.

އިއްޒުއްދީން ސްކޫލް ދޮށުގައި ބެލެނިވެރިޔަކު ކުދިންނާ އެކު މަޑުކޮށްލައިގެން-- ފޮޓޯ: މިހާރު

އިއްޒުއްދީން ސްކޫލް ދޮށުގައި ބެލެނިވެރިޔަކު ކުދިންނާ އެކު މަޑުކޮށްލައިގެން-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު އެ ސްކޫލުގައި އޮންނާނީ ގުރޭޑް 10 ގެ އެންމެ ކުލާހެކެވެ. ޖުމްލަ 18 ކުދިން ކިޔަވާ އެ ކްލާހުގައި ސައިންސް އަދި ކޮމާސް ސްޓްރީމް ކިޔަވައިދޭނެ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.