Roadha Mihaaru
މަސައްކަތް ދަސްކޮށްދޭ ފުރަތަމަ ލެބް ތާޖުއްދީންގައި

މަސައްކަތް ދަސްކޮށްދޭ ތައުލީމު ރަސްމީކޮށް ފަށައި، ފުރަތަމަ ލެބް ތާޖުއްދީނުގައި

04 ސެޕްޓެމްބަރ 2023

އެޑިޔުކޭޝަން މިނިސްޓްރީން ވޮކޭޝަނަލް އެޑިޔުކޭޝަން ރަސްމީކޮށް ފެށި ފުރަތަމަ ސްކޫލް ކަމަށްވާ ތާޖުއްދީންގައި އެކަމަށް ބޭނުންވާ ލެބް ހުޅުވައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެޑިޔުކޭޝަން މިނިސްޓްރީން ވޮކޭޝަނަލް އެޑިޔުކޭޝަން ރަސްމީކޮށް ފެށި ފުރަތަމަ ސްކޫލް ކަމަށްވާ ތާޖުއްދީންގައި އެކަމަށް ބޭނުންވާ ލެބް ހުޅުވައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަނަކީ އާންމު ދިއިއުޅުމުގައި ކުރާ ކަންކަން ދަރިވަރުންނަށް، ކިޔެވުމުގެ ތެރެއިން ދަސްކޮށްދިނުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ފަށާނެ ސްކޫލުތައް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނީ މާލެ އާއި އަތޮޅުތަކުގެ 28 ސްކޫލެކެވެ.

ތާޖުއްދީން ސްކޫޅުގައި މިއަދު ހުޅުވި ލެބްގައި ގޭތެރޭގެ އެކި މަސައްކަތްތައް ދަސްކޮށްދިނުމާއި ވަޑާމާއި އާޓް އަދި ކްރާފްޓް ދަސްކޮށްދޭނެ އެވެ.

ތާޖުއްދީން ސްކޫލުގައި މިއަދު ހުޅުވި ލެބްގައި މަސައްކަތް ދަސްކޮށްދޭ ދާއިރާތައް ސިފަވާ ގޮތަށް ހެދުން އަޅައިގެން ތިބި ދަރިވަރުންތަކެއް. -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތާޖުއްދީން ސްކޫލުގައި މިއަދު ހުޅުވި ލެބްގައި މަސައްކަތް ދަސްކޮށްދޭ ދާއިރާތައް ސިފަވާ ގޮތަށް ހެދުން އަޅައިގެން ތިބި ދަރިވަރުންތަކެއް. -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ ތާޖުއްދީން ސްކޫލްގައި ގާއިމްކުރި އެ ލެބްގެ އެހީގައި، އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު އެތައް ހުނަރެއް، ދަރިވަރުންނަށް ދަސްވާނެ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އުފެއްދުންތެރި ވިސްނުމާއި ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާ އެކު މުސްތަގުބަލުގައި ހުނަރުވެރި، ގާބިލް އަދި ތައުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މޭ މަހު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވާ ގޮތުގައި މީހުން ބިނާކުރުމުގެ މަސައްކަތަކީ ތައުލީމީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމެކެވެ. ފޮތުން ކިޔަވައިދޭ މާއްދާތަކާ އެއްގޮތަށް މަސައްކަތްތެރިކަން ދަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މިނިސްޓްރީން ރަސްމީކޮށް ވޮކޭޝަނަލް އެޑިޔުކޭޝަން ފެށި ސްކޫލު ނަމަވެސް، ބައެއް ސްކޫލުތަކުން އަމިއްލައަށް ލެބްތައް ހަދައިގެން ކިޔަވައިދެމުންދެ އެވެ. އިއްޒުއްދީން ސްކޫލާއި ވ. ކެޔޮދޫ ސްކޫލާއި ހއ. އިހަވަންދޫ ސްކޫލް މީގެ ތެރޭގައި ހިމެނެ އެވެ.