Roadha Mihaaru
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނެއް ދޭން ޓެސްޓު ކާމިޔާބު

މޮޑާނާއިން ކޮވިޑާއި ފްލޫއާ ދެކޮޅަށް ހެދި ވެކްސިންގެ ޓެސްޓު ކާމިޔާބު

11 ޖޫން 2024

ކޮވިޑާއި ފްލޫއަށް އެއް ވެކްސިނަކުން ރައްކާތެރިކަން ހޯދައިދިނުމަށް މޮޑާނާއިން ހެދި ކްލިނިކަލް ޓްރަޔަލް ކާމިޔާބު ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ކޮވިޑާއި ފްލޫއަށް އެއް ވެކްސިނަކުން ރައްކާތެރިކަން ހޯދައިދިނުމަށް މޮޑާނާއިން ހެދި ކްލިނިކަލް ޓްރަޔަލް ކާމިޔާބު ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ބަޔޯޓެކް ފާމުން މިކަން އިއުލާނުކޮށްފައި ވާއިރު ކޮވިޑް ވެކްސިން އުފެއްދި އެހެން ކުންފުނިތައް ކަމަށްވާ ފައިޒާ އާއި ނޮވަވެކްސް އިން ވެސް އަންނަނީ މީގެ ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އެކަމަކު ޓްރަޔަލްގެ ނަތީޖާ އެންމެ ފުރަތަމަ ހާމަކުރި ކުންފުންޏަކީ މޮޑާނާ އެވެ.

"އެއް ވެކްސިނަކުން އެކި ކަންކަމަށް ރައްކާތެރިކަން ލިބޭ ގޮތް ހެދުމުން ސިއްހީ ނިޒާމާއި ފާމަސީތަކަށް އަދި މޫސުމީ އެކި ރޯގާތަކުން ރައްކާތެރިވުމަށް އާންމުންނަށް ވެސް ފަސޭހަވާނެ،" މޮޑާނާގެ ސީއީއޯ ސްޓެފޭން ބަންސެލް ވިދާޅުވި އެވެ.

މެސެންޖާ އެންއާރްއޭ ޓެކްނޮލޮޖީ ބޭނުންކުރާ މި ވެކްސިނަށް ދީފައިވާ ނަމަކީ އެމްއާރްއެންއޭ-1083 އެވެ. މި ވެކްސިންގެ ޓެސްޓުކުރުމަށް 4،000 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އެ މީހުން ވަނީ 50-64 އަދި 65 އަހަރުން މައްޗަށް ބަހާލައިފަ އެވެ.

މި ދެ އުމުރުފުރައިގެ މީހުންނަށް ވެސް ވަނީ މޮޑާނާގެ ކޮވިޑް ވެކްސިން ކަމަށްވާ ސްޕައިކްވެކްސް ދީފަ އެވެ. އަދި މި މީހުންނަށް އާ ވެކްސިން ދިނުމުން، އާންމު ފްލޫ ވެކްސިން ދިނުމުން އުފެދޭ ވަރަށްވުރެ ރަނގަޅަށް ދިފާއީ ނިޒާމު މަސައްކަތްކޮށްފައިވެ އެވެ.

ވެކްސިންގެ ނަތީޖާގެ ތަފްސީލްތައް ކޮންފަރެންސެއްގައި ހާމަކުރަން ނިންމާފައި ވާއިރު ދެން އޮންނާނީ ވެކްސިނަށް ހުއްދަ ހޯދުމުގެ މަސައްކަތް ކަމަށް މޮޑާނާއިން ބުންޏެވެ. -- އޭއެފްޕީ