Roadha Mihaaru
"ބަޖެޓު ކުރި 672 ޕްރޮޖެކްޓަށް ހަރަދު ނުހިނގާ"

މިދިޔަ އަހަރު ހިންގަން 672 ޕްރޮޖެކްޓެއް ކަނޑައެޅިޔަސް ހަރަދެއް ނުކުރޭ: އޮޑިޓް އޮފީސް

10 ޖޫން 2024

މިދިޔަ އަހަރު ސަރުކާރުން ހިންގަން ބަޖެޓު ކުރި 672 މަޝްރޫއަކަށް އެ އަހަރު ނިމުނު އިރު ވެސް އެއްވެސް ހަރަދެއް ނުކުރާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ސަރުކާރުން ހިންގަން ބަޖެޓު ކުރި 672 މަޝްރޫއަކަށް އެ އަހަރު ނިމުނު އިރު ވެސް އެއްވެސް ހަރަދެއް ނުކުރާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އެ އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައިވާ ގޮތުން ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ މަޝްރޫއުތަކުގެ އަގު 1.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ބަޖެޓު ކުރި ގިނަ މަޝްރޫއުތަކަށް ހަރަދު ނުކުރި ނަމަވެސް، ބަޖެޓު ނުކުރާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ 501 މަޝްރޫއަކަށް ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ބަޖެޓުގައި އެއްވެސް ވަރަކަށް ނުހިމަނާ 68 މަޝްރޫއަކަށް 333 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ބިން ހިއްކުމުގެ މަޝްރޫއަށެވެ. އެފަދަ ހަތަރު މަޝްރޫއަކަށް 110 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. ބަނދަރު ހެދުމުގެ 8 މަޝްރޫއަކަށް 67 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް 8.5 ބިލިއަން ރުފިޔާ އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ހިންގި މަޝްރޫއުތަކުގެ ޖުމްލަ އަގު 9.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 8 ޕަސެންޓު އިތުރު އަދަދެކެެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަހަރުގެ މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.