Roadha Mihaaru
"ފަލަސްތީނަށް ތާއީދު އިތުވެފައިވާކަން ރަމްޒުކޮށްދީފި"

ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުން ބައިނަލްއަގުވާމީ ތާއީދު އިތުވެފައިވާ ކަން ރަމްޒު ކޮށްދީފި: ރައީސް

02 ޖޫން 2024

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބުމަކީ ބައިނަލްއަގުވާމީ ގޮތުން ފަލަސްތީނަށް އޮތް ތާއީދު އިތުރުވަމުންދާ ކަން އަންގައިދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބުމަކީ ބައިނަލްއަގުވާމީ ގޮތުން ފަލަސްތީނަށް އޮތް ތާއީދު އިތުރުވަމުންދާ ކަން އަންގައިދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯ އިން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައި 177 ގައުމުގެ ތެރެއިން، ރާއްޖެ ވެސް ހިމެނޭ ގޮތަށް 101 ގައުމަކުން ވަނީ ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއިދުކޮށްފަ އެވެ. އެކަމަށް ދެކޮޅު ހެދީ ފަސް ގައުމަކުންނެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ހުށަހެޅި ގަރާރު ސްޕޮންސަކުރީ ރާއްޖެއިންނެވެ.

އެކަމަށް މަރުހަބާ ވިދާޅުވެ، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯގެ މެންބަރު ކަން ފަލަސްތީނަށް ދީ، ޖަމިއްޔާގެ ހައްގުތައް ގައުމުން ދޭން ނިންމުމަކީ ބައިނަލްއަގްވާމީ ތާއީދު ފަލަސްތީނަށް އިތުވެފައިވާ ކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޑަބްލިއުއެޗްއޯގައި ނެގި ވޯޓުގައި ފަލަސްތީނަށް ރާއްޖެ އިން ތާއީދު ކުރުމަކީ ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ރާއްޖެ އިން އަބަދުވެސް ކުރަމުންދާ ވަރުގަދަ ވަކާލާތުގެ ރަމުޒެއް ކަމަށެވެ. އެ ނިންމުމަކީ ސުލްހައަށް ވާސިލުވާން ކުރިއަށް އެޅި ފިޔަވަޅެއް ވެސް ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއީ ރާއްޖެ އިން ކޯ ސްޕޮންސަ ކޮށްގެން ހުށަހެޅި ގަރާރެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން ދައްކައި ދިނީ ގިނަ ގައުމުތަކުން ތިބީ ފަލަސްތީނާ އެކު ކަން ކަމަށެވެ. ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ވަކާލާތުކުރުން މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ، ނިކަރާގު އަދި ވެނިޒުއޭލާގެ ބައިވެރިވުމާއެކު އަރަބި އަދި މުސްލިމް ގައުމުތަކުން ހުށަހެޅި ގަރާރުގައި ވަނީ ޑަބްލިއުއެޗްއޯގައި މިހާރު ވެސް އޮބްޒާވަރުގެ ދަރަޖަ ދީފައިވާ ފަލަސްތީނަށް ފުރިހަމަ މެމްބަރުންނާ އެއްވަރުގެ ހުރިހާ ހައްގެއް ދިނުމަށް ގޮވާލައިފަ އެވެ.

އެއާއެކު، ވޯޓު ދިނުމުގެ ހައްގު ފިޔަވައި، މެމްބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ދިނުމަށް ފާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގަރާރުތައް ހުށަހެޅުމާއި އިސްލާހުތައް ހުށަހެޅުން އަދި ކޮމިޓީތަކުގައި ބައިވެރިވުން ހިމެނެ އެވެ. ނަމަވެސް، ބޭރުގެ ޚަބަރުތައް ބުނާގޮތުން، ޖެނީވާގައި ބޭއްވި އާއްމު މަޖިލީހުގައި ފަލަސްތީނުގެ އޮފިޝަލުންނާއި އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން ފުރިހަމަ މެމްބަރުކަމަށް އެދުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އޭގެ ސަބަބެއް ކަމަށް ލަފާކޮށްފައިވަނީ ފަލަސްތީނުގެ ފުރިހަމަ މެމްބަރުކަމަށް ނަގާ ވޯޓަކުން ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފައިސާ ވަގުތުން މެދުކަނޑާލާނެ ކަމުގެ ބިރު އޮތުމުންނެވެ. ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުނުއިރު، އދ. އިން ވަނީ މި މަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ޖަމާއަތުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ފާސްކޮށްފަ އެވެ.