Roadha Mihaaru
ރަފަހްގެ ކޭމްޕަށް ދިން ހަމަލާ ކުށްވެރި ކުރައްވައިފި

ރަފަހްގެ ކޭމްޕަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

28 މެއި 2024

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، މިހާތަނަށް 45 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ.

އެ މައްސަލާގައި ރައީސް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުންތަކަށް އިޒްރޭލުން އަމަލު ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ގޮވާލާ ކަމަށާއި އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތައް ފޯރު ކޮށްދިނުމަށް ފުރުސަތު ދިނުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.

ފަލަސްތީނުގެ މައްސަލާގައި ރާއްޖެއިން ގޮވާލަމުން އަންނަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.