Roadha Mihaaru
މައިންބަފައިން ބަލަހައްޓާ މީހުންނަށް އިތުރު ޕޮއިންޓްދެނީ

މައިންބަފައިން ބަލާ މީހުންނަށް ހައުސިން ސްކީމްތަކުން އިތުރަށް ޕޮއިންޓް ދެނީ

21 މެއި 2024

ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މައިންބަފައިންނާއި ދޮށީ އުމުރުންގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރު ޕޮއިންޓް ލިބޭނެ ގޮތަށް އުސޫލު ކަނޑައެޅުމަށް ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މައިންބަފައިންނާއި ދޮށީ އުމުރުންގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރު ޕޮއިންޓް ލިބޭނެ ގޮތަށް އުސޫލު ކަނޑައެޅުމަށް ނިންމައިފި އެވެ.

މި ހަފްތާގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މި ނިންމުން ނިންމާފައި ވަނީ ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުމާ އެކު ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި މި އުސޫލަށް އަމަލުކުރާނެ ކަމަށެވެ.

ބޯހިޔާވަހިކަން ދިނުމުގައި ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދޭނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި މާލޭގައި ހުޅުވި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ރައީސް އެ ދުވަހު ވިދާޅުވީ އުމުރުން ދުވަސްވީ މައިންބަފައިންނާއި އެހެނިހެން މީހުން ބަލަހައްޓާ މީހުންނަށް އިސްކަން ދެވޭނެ ކަމަށާއި އުސޫލުތައް ކަނޑައެޅިގެންދާއިރު އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުރުގެ މީހުންނަށް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުގެ ތެރެއިން ދޫކުރާ ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލު ވެސް ކަނޑައެޅޭނެ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ސޯޝަލް ހައުސިން އާ ބެހޭ ބިލުގައި ވެސް ވަނީ މި ބައިތައް ހިމަނައިފަ އެވެ.

ބިލުގައި ވާ ގޮތުން ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭނެ ފަރާތްތަކަކީ:

- އުމުރުން ދުވަސްވީ، ބަލި ހާލަތު ދަށް ޑިޕެންޑެންޓް ބަލަމުންދާ ފަރާތްތައް

- ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތައް

- ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތެއްގެ ބަލަދުވެރިން ނުވަތަ ބަލަމުން އަންނަ މީހެއް

- ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން

- ބޮޑު ބައެއް ތަހަމައްލު ކުރަމުންދާ މީހުންގެ ޑިޕެންޑެންޓެއް ބަލަމުންދާ މީހުން