Roadha Mihaaru
ސްޓޭޑިއަމްގެ ފުރާޅުން ލީކްވާކަން ޔުނައިޓެޑަށް އެނގޭ

ސްޓޭޑިއަމްގެ ފުރާޅުން ފެން ފައިބާކަން ކުރިން ވެސް ޔުނައިޓެޑަށް އެނގޭ، ޕެޗެއް ވެސް އަޅާނުލާ

14 މެއި 2024

މެންޗެސްޓާ (މެއި 14) – މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގެ ފުރާޅުން ފެންފައިބާކަން ކްލަބަށް މީގެ ކުރިން ވެސް އެނގިފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

މެންޗެސްޓާ (މެއި 14) – މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގެ ފުރާޅުން ފެންފައިބާކަން ކްލަބަށް މީގެ ކުރިން ވެސް އެނގިފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް 2019 ގައި ޔުނައިޓެޑް އޯލްޑް ޓްރެފޯޑް ކުޅުނު މެޗުގެ ކުރިން ވާރޭ ވެހި ހުޅަނގު ކޮޅުގެ ސްޓޭންޑަށް ފެން ފާބައި ސަޕޯޓަރުން ވެސް ތެމި ފޯވި އެވެ.އަދި މިދިޔަ ސެޕްޓެމްބަރު މަހު ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވި މެޗުގައި ވެސް ހަމަ އެ މައްސަލަ ދިމާވި އެވެ.

އާދިއްތަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓޭޑިއަމްގެ ސަޕޯޓަރުން ތިބޭ އިރުމަތީ ސްޓޭންޑާއި ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަންގެ ނަން ދީފައިވާ ސްޓޭންޑްގެ ދެމެދުން ފުރާޅުން ވަރަށް ބޮޑަށް ފެން ލީކުވި އެވެ.

އެ މަންޒަރު ގާތުން ބަލަން، ޔުނައިޓެޑްގެ ކޯ އޯނަރު އަދި ބިލިއަނަރު ޖިމް ރެޓް ކްލިފް، އެގްޒެކެޓިވް އޭރިއާގައި ހުއްޓެވެ.

އެ ކްލަބުން ބުނީ މެޗަށް ހޭދަވި ދެ ގަޑިއރުގެ ތެރޭ 41 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. ސްޓޭޑިއަމްގެ އެތެރެއަށް ހޯސްލާފައި ފެންގަނޑު ފައިބާ މަންޒަރާއި ވެހުނު ފެންގަނޑު ގޮނޑިތަކުގެ ދެމެދުން ދެމިގެންދާ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޕޯސްޓްކުރަމުން ދިޔަ އެވެ.

ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ، އީއެސްޕީން އިން ބުނީ، އާދިއްތަ ދުވަހުގެ ރޭ ވެހުނު ބޯ ވާރޭގައި ސްޓޭޑިއަމްގެ އެތެރެއަށް ހޯސްލާފައި ފެން ފައިބައިގަތުމުން، ސްޓޭޑިއަމް އަށް ބޮޑު މަރާމާތެއް ބޭނުންވާކަން ކްލަބްގެ ހުރިހާ އޯނަރުން ވެސް އެއްބަސްވާ ކަމަށެވެ.

ރެޓްކްލިފް ހިޔާލު ގެންގުޅެނީ އޯލްޑް ޓްރެފޯޑް ކައިރީ އާ ސްޓޭޑިއަމްއެއް ހެދުމަށެވެ. އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އީއެސްޕީންއިން ބުންޏެވެ. އެކަމާ ބެހޭގޮތުން ހުރިހާ ހިއްސާދާރުންގެ މެދުގައި ވަކި ގޮތަކަށް އެއްބަހެއް ނުވެ އެވެ.

އާ ސްޓޭޑިއަމްއެއް ހެދުމަށް ދިރާސާކުރަން، ޓާސްކް ފޯހަކާ އެ ކްލަބުން ވަނީ ހަވާލުކޮށްފަ އެވެ. އެ ޓާސްކް ފޯހުގެ މެންބަރުންނަކީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީގެ ކުރީގެ ޗެއާ ސެބެސްޓިއަން ކޯ އާއި މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް އާއި ޓްރެފޯޑް ކައުންސިލްގެ ޗީފް އެގްޒެކެޓިވް ސާރާ ޓޮޑް ގެ އިތުރުން ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގެރީ ނެވީލް އެވެ.