Roadha Mihaaru
ސަލްމާންމިސްކިތުގެ އޭސީ ރަނގަޅުކުރަން 6މިލިއަން ބޭނުން

ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަން ހަ މިލިއަން ރުފިޔާ ބޭނުންވޭ: ޝަހީމް

08 މެއި 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަން މި ވަގުތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިންގް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަން މި ވަގުތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޝަހީމް ވިދާޅުވީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތްކުރި މިސްކިތުގެ އޭސީ މައްސަލަ ވަރަށް ބޮޑުއިރު، އެކަން ހައްލުނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އޭސީތައް ރަނގަޅުކުރަން ހަ މިލިއަން ރުފިޔާ ބޭނުންވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ މިސްކިތް ބޭނުން ކުރަން 2021 ވަނަ އަހަރު ފެށިތާ ހަ މަސް ނުވަނީސް، މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓް ހަލާކުވެގެން އެކަން ހައްލުކުރަން ތުރުކީގެ ޓެކްނީޝަނުންގެ ޓީމެއް ވެސް ރާއްޖެ އަ އެވެ. އޭރު މިނިސްޓްރީން ބުނީ އެ އޭސީ ސިސްޓަމް މަރާމާތުކުރާނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ޝަހީމް ވިދާޅުވީ އެ އޭސީތައް ބެލެހެއްޓޭނެ ފެންވަރުގެ ދިވެހިންގެ ބަޔަކާ މި ފަހުން ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ބޭނުންކުރަން ފެށިތާ ތިން އަހަރު ވެގެން ދިޔަސް އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވަ އެވެ. އެހެންވެ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އީދު ފަހުން ސައުދީގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އެ މިސްކިތް ހުޅުވުމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީކޮށް މިސްކިތް ހުޅުވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ އެވެ. އެގޮތުން، ބައެއް ދޮރުތައް މަރާމާތުކުރުމާ އެކު، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ކުރިން ވެސް ރާއްޖެއަށް މިއީ، ހޫނު ގަދަ ދުވަސް ވަރަކަށް ވާތީ އޭސީ ސިސްޓަމަކީ މިހާރު ވެސް ހައްލުކުރަން ޖެހޭ މައްސަލައެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ.