Roadha Mihaaru
ތުރުކީގެ ސަފީރަކަށް ކުރީގެ ޗީފް އަބްދުއްރަހީމް

ތުރުކީގެ ސަފީރަކަށް އެމްއެންޑީއެފް ކުރީގެ ޗީފް އަބްދުއްރަހީމް ހަމަޖައްސަނީ

07 މެއި 2024

ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

އަބްދުއްރަހީމަކީ އަސްކަރީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އެމްއެންޑީއެފަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އިސް އޮފިސަރަކެވެ. ރާއްޖޭގެ އަސްކަރީ ދާއިރާގެ ވަރަށް ގިނަ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް މިދިޔަ ދުވަސްތަކުގައި އުޅުއްވި އެއްބޭފުޅަކީ ވެސް އެއީ އެވެ.

ވޯލްޑް ގަވަމަންޓްސް ފޯރަމްގެ ހަވާސާގައި ރައީސް މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ވަރަށް އެކުވެރި މާހައުލެއްގައި ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ވޯލްޑް ގަވަމަންޓްސް ފޯރަމްގެ ހަވާސާގައި ރައީސް މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ވަރަށް އެކުވެރި މާހައުލެއްގައި ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ތުރުކީއާ ދެމެދު މި ސަރުކާރު އައި ފަހުން އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެ ގުޅުމުގެ ތެރެއިން ތުރުކީގައި ފުރަތަމަ ފަހަރަށް ވަނީ ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ފެބްރުއަރީ 13 ވަަނަ ދުވަހު ގާއިމްކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް ތުރުކީ އަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބާއި ރައީސް މުއިއްޒާ ދެމެދު ވެސް ވަރަށް ގާތް ގުޅުމެއް މިހާރު ވަނީ ބަދަހި ކުރައްވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް އަދި ފުރަތަމަ ފަހަރަށް ރާއްޖެ އަށް އަސްކަރީ ޑްރޯން ވެސް ގެނައީ ތުރުކީ އިންނެވެ. އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ހިލޭ އެހީ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. އޭގެ އިތުރުން ވެސް ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެކި އެއްބަސްވުންތައް ވަނީ ހަދައިފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ފަސް މަސް ދުވަސް ފަހުން، މިހާރު ވަނީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލިހުން ގިނަ ސަފީރުންތަކަކަށް ރުހުން ދީފަ އެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ނަންތައް ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީ ކޮޅު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުއްވައިފަ އެވެ. ނަމަވެސް އެ ނަންތަކާ މެދު ވަކި ގޮތެއް ނުނިންމައި މިދިޔަ ހަފުތާއާ ހަމައަށް މަޖިލިހުން ހިފެހެއްޓީ އެވެ.