Roadha Mihaaru
ރާއްޖެ-ތުރުކީން ފަސް އެއްބަސްވުމެއްގައި ސޮއިކުރަނީ

ރާއްޖެ އާއި ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކުރަނީ

29 ޖެނުއަރީ 2022

ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއީ ތުރުކީއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މާދަމާ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތުރުކީގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ފަސް ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއީ ވިޔަފާރީގެ ދާއިރާ އާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަދި ފޮރިން ސާވިސް ކުރިއަރުވަން އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުންތައް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތްއިރު، ދާދި ފަހުން ޗައިނާގެ ފޮރިން މިނިސްޓަރު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުގައި ޗައިނާއިން ވަނީ ރާއްޖެއަށް ބިލިއަނެއްހާ ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ހިލޭ އެހީގައި ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.