Roadha Mihaaru
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި

ދެ މީޑިއާއަކަށް އިންޒާރު ދިނުން ސަރުކަރުން ކުށްވެރިކޮށްފި

01 މެއި 2024

ރާއްޖޭގައި ހިންގާ ދެ މީޑިއާއަކަށް އިންޒާރު ދިން މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ހިންގާ ދެ މީޑިއާއަކަށް އިންޒާރު ދިން މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މިދިޔަ ދެ ދުވަސް ތެރޭގައި ސޯޝަލް މީޑިއާގައި "ރާއްޖެ ޓީވީ" އަށާއި "ޗެނަލް-13" އަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ކާކު ކަން ނޭނގޭ ޕްރޮފައިލްތަކުން ވަނީ ދީފަ އެވެ.

ޗެނަލް-13 އަށް ފިތުނަ އުފައްދަން ޖާގަ ނުދޭނެ ކަމާއި ރާއްޖެ ޓީވީގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަންދޭ ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރާ ފަރާތެއް އެނގޭ ނަމަ ގައުމީ މަސްލަހަތު އިސްކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާ އިރު ރައީސް އޮފީހުން ބުނީ ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން އެކަން ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ނޫސްވެރިންގެ އަޑުއަހައި މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނެ ސިޔާސަތެއް." ރައީސް އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދޭ މައްސަލަތަކަކީ އެ މުއައްސަސާއިން ވަރަށް ސީރިއަސް ކޮށް ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށެވެ.

އެހެންވެ މި މައްސަލަ ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.