Roadha Mihaaru
މާފުށީގެ ވެށި ސާފުކޮށް ބެލެހެއްޓުމަށް އެލިއާގެ އެހީ

މާފުށީގެ ވެށި ސާފުކޮށް ބެލެހެއްޓުމަށް އެލިއާގެ އެހީ

25 އެޕްރީލް 2024

އެލިއާ އިން މާފުށި ކައުންސިލަށް ކޮމިއުނިޓީ ޑަސްބިނާއި ބޯޑުތަކެއް ހަދިޔާކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލިއާ އިން މާފުށި ކައުންސިލަށް ކޮމިއުނިޓީ ޑަސްބިނާއި ބޯޑުތަކެއް ހަދިޔާކޮށްފި އެވެ.

އެލިއާއިން ހަދިޔާކުރި ބޯޑުތަކަކީ މަގުމައްޗަށް ކުނި ނޭޅުމާއި، ވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅާ ހިތްވަރު ދޭ ބޯޑުތަކެކެވެ. އަދި ހަދިޔާކުރި ޑަސްބިންތަކަކީ ދެ ވައްތަރުގެ ކުނި އެޅޭ ގޮތަށް ދެ ބައި ހިމެނޭ ޑަސްބިންތަކެކެވެ. މި ތަކެތި ބަހައޓާފައި ވަނީ މާފުށީގެ އެކި ސަރަހައްދުތަކުގަ އެވެ.

އެލިއާއިން ބުނި ގޮތުގައި މި ތަކެއްޗަކީ ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް އަހުލުވެރިކުރުމާއި، ސާފުތާހިރުކަން މަތީ ވެށި ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ހަދިޔާކުރި ތަކެއްޗެވެ. އަދި މާފުށި ފަދަ ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ރަށެއްގައި ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރުކޮށް ބޭއްވުމަށް ބާރު އެޅުމަކީ މުހިންމުކަމެއްގެ ގޮތުގައި ވެސް ފާހަގަކުރި އެވެ.

އެލިއާއިން ބުނީ އެ ކުންފުނިން މުޖުތަމައުގެ ދުޅަހެޔޮކަމަށް މި ފަދަ އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު ކަނޑުފަޅާއި ގޮނޑުދޮށްތަކަށް ބަރޯސާވެފައި އޮންނަ އިރު، ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ކުނި މެނޭޖްކުރުމަކީ މުހިންމު އަހައްމިއްޔަތެއް ދޭން ޖެހޭ ކަމެއްގެ ގޮތުގައި އެލިއާއިން ފާހަގަކުރެ އެވެ.

އެލިއާ އަކީ މަޝްހޫރު ޔަމަހާ ބްރޭންޑުގެ ސޯލް ޑިސްޓްރިބިއުޓަރެވެ. މި ކުންފުންޏަކީ ހާޑްވެއާ އާއި ލަކުޑީގެ ވައްތަރުތައް ވެސް ވިއްކާ ބައެކެވެ. އެލިއާއިން މި އަހަރު ދަނީ ވިޔަފާރި 60 އަހަރު ފުރުން ފާހަގަކުރަމުންނެވެ.