Roadha Mihaaru

ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައިފި

ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 އެޕްރީލް 2025

ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާފުށީ ކައުންސިލުގެ މެމްބަރަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އެޅީ، ރަށުގެ ފިހާރައަކަށް ވަދެ ވަގަށް އެއްޗެއް ނެގި މައްސަލައިގަ އެވެ.

ވައްކަން ކުރި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި ގައިގައި ކުލަ ހާކަމުންދަނިކޮށް، ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލައި މުޅި ބޮލާއި މޫނާ އެކު ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.

ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން ކައިރީގައި ތިއްބައި، އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ވެހިކަލަށް އަރުވައިގެންނެވެ.

އެ ވީޑިއޯތަކާ އެކު ގިނަ ބަޔަކު ވަނީ އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ވައްކަން ކުރިޔަސް އެހާ އިހާނެތިކޮށް ކަންތައް ކުރަން ނުވާނެ ކަމަށާއި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކަމަށް ބުނެ މީހުން ވަނީ ފާޑުކިޔައިފަ އެވެ.