Roadha Mihaaru
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން ގެނެސްފި

މަޝްއަރު ޓުއާސްގެ އުމްރާވެރިން އެންމެ ފަހުން އެ އެޖެންސީގެ ހަރަދުގައި ރާއްޖެ ގެނެސްފި

23 އެޕްރީލް 2024

މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ މީހުންގެ ޓިކެޓަށް ފައިސާ ދައްކަން ދޫކުރި ޗެކް ބައުންސްވެ، ދިމާވި މައްސަލަތަކާ ގުޅިގެން ސައުދީގައި ތާށިވި މީހުން އެންމެ ފަހުން އެ އެޖެންސީގެ ހަރަދުގައި ރާއްޖެ ގެނެސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ މީހުންގެ ޓިކެޓަށް ފައިސާ ދައްކަން ދޫކުރި ޗެކް ބައުންސްވެ، ދިމާވި މައްސަލަތަކާ ގުޅިގެން ސައުދީގައި ތާށިވި މީހުން އެންމެ ފަހުން އެ އެޖެންސީގެ ހަރަދުގައި ރާއްޖެ ގެނެސްފި އެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާ އަށް ދިޔަ 53 މީހުންގެ ތެރެއިން، އޭސް ޓްރެވެލްސް އިން ނެގި 50 ޓިކެޓަށް ވާ ފައިސާއަށް ދިން ޗެކް އޮތީ ބައުންސްވެފަ އެވެ. އެއީ އޭސް ޓްރެވަލްސް ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުންނެވެ.

އެހެންވެ، އެ މީހުން ތިބީ ރާއްޖެ ނާދެވި މައްކާގައި ތާށިވެފަ އެވެ.

މައްކާގައި ތާށިވި ބައެއްގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެންމެ ފުރަތަމަ މަޝްއަރު ޓުއާސްއިން ބުނީ އަމިއްލައަށް ޓިކެޓް ނަގައިގެން އައުމަށް ކަމަށެވެ. އެއީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ނަމަވެސް ފަހުން އެ ގްރޫޕްގެ ހަރަދުގައި ޓިކެޓް ނަގައިގެން މިދިޔަ ހޮނިހިރު ދުވަހު އެންމެން ރާއްޖެ ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ އެޖެންސީން މި ރޯދަމަހުގެ އުމްރާ ޕެކޭޖަށް ކަނޑައެޅި އަގަކީ 38،500ރ. އެވެ. އެއީ 21 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލާގައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް މި އަހަރު އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މީހުން އުމްރާ އަށް ގެންދިޔައީ ޓްރެވަލް އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ.

މި ޓްރެވަލް އެޖެންސީ ޓޫރިޒަމް މިނިސްޓްރީގައި ވެސް ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ. އެ ކުންފުންޏަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.