Roadha Mihaaru
ފްލެޓްތައް މި އަހަރު ނިންމަން އިތުރު ލޭބަރުން ގެންނަނީ

ފްލެޓްތައް މި އަހަރު ނިންމަން އިތުރު ލޭބަރުން ގެންނަނީ

18 އެޕްރީލް 2024

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ހުރިހާ ފްލެޓެއް މި އަހަރުގެ ތެރޭގައި ނިންމަން މަސައްކަތްކުރާ ކަމަށާއި އެ ތަނުގައި މަސައްކަތްކުރަން އިތުރު ލޭބަރުން މި މަހު ގެންނަން ނިންމާފައިވާ ކަމަށް، އެ ފްލެޓުތައް ހަދަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭނާ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، މި އަހަރު ނިމުމުގެ ކުރިން 4،000 ހައުސިން ޔުނިޓު އެއްކޮށް ނިންމައި، ސަރުކާރާ ހަވާލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ވެރިކަމުގެ ދައުރު ހަމަވިއިރު އެ ފްލެޓުތައް ލިބޭ މީހުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އެ ލިސްޓު އަލުން ރިވިއުކުރަން ނިންމައިފަ އެވެ. އެކަމުގައި ލަފާ ދޭނެ ކޮމިޓީއެއް ވެސް ވަނީ މިހާރު ހަދައިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ޖޭއެމްސީއާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

ހަމްދާން ވިދާޅުވީ އެ ޓާގެޓު ހާސިލްކުރަން އެންބީސީސީން މި މަހު އިތުރު 250 ލޭބަރުން ގެންނަން ހަމަޖައްސާފައިވާ ކަމަށެވެ. ފްލެޓުގެ ސްޓްރަކްޗާ ނިމުމުން، ފިނިޝިންގެ ކަންކަމަށް އަންސްކިލްޑް ލޭބަރުންގެ ބަދަލުގައި ހުނަރުވެރި މަސައްކަތްތެރިން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްޑީސީން ހުޅުމާލޭގައި ހަދާ ފްލެޓުތަކުގެ މަސައްކަތް، ކުންފުނީގެ އެމްޑީ ހަމްދާން ބައްލަވާލައްވަނީ.-- ފޮޓޯ: އެފްޑީސީ

އެފްޑީސީން ހުޅުމާލޭގައި ހަދާ ފްލެޓުތަކުގެ މަސައްކަތް، ކުންފުނީގެ އެމްޑީ ހަމްދާން ބައްލަވާލައްވަނީ.-- ފޮޓޯ: އެފްޑީސީ

"ވިސްނުމަކީ އިތުރު މަސައްކަތްތެރިން ގެނެސްގެން މަޝްރޫއު އަވަސް ކުރުން." ހަމްދާން ވިދާޅުވި އެވެ.

އޭނާ އިއްޔެ ވިދާޅުވީ ކުރީގެ ސަރުކާރުން 4،000 ފްލެޓުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބް ޖަހާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 192 ސްލެބް ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.

އެ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ވަސީލަތްތައް ހިމަނާފައެއް ނުވެ އެވެ.

އެހެންވެ، އެ މަސައްކަތްތައް ނިންމުމަށް 454.5 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ ސަރުކާރާ ގުޅިގެން އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.