Roadha Mihaaru
ރާގާވްއާ އިން ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ

ރާގާވްއާ ކައިވެނިކުރި ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ

18 އެޕްރީލް 2024

ސިޔާސީ ކަންކަން ދެކެ ވަރަށް ފޫހިވާ ކަމަށް މީގެ ކުރިން މީޑިއާގައި ހާމަކޮށްފައިވާ ބޮލީވުޑް އެކްޓްރެސް ޕަރިނީތީ ޗޯޕްރާ މިހާރު ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަން ބަލާ ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސިޔާސީ ކަންކަން ދެކެ ވަރަށް ފޫހިވާ ކަމަށް މީގެ ކުރިން މީޑިއާގައި ހާމަކޮށްފައިވާ ބޮލީވުޑް އެކްޓްރެސް ޕަރިނީތީ ޗޯޕްރާ މިހާރު ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަން ބަލާ ކަމަށް ބުނެފި އެވެ.

ސިޔާސީ ކަންކަން ދެކެ ފޫހިވާ ކަމަށް ޕަރިނީތީ ބުނީ މީގެ އަހަރުތަކެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ. ނަމަވެސް މިފަހުން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ހިޔާލު ބަދަލުވިކަން ހާމަކޮށްފަ އެވެ.

ނަމަވެސް ޕަރިނީތީ މިދިޔަ އަހަރު ސިޔާސީ ޕާޓީއެއްގެ ލީޑަރަކާ ކައިވެނި ކުރުމުން ސިޔާސީ ދާއިރާއާ މެދުގައި އޭނާ ދެކޭގޮތް ވަނީ މުޅިން ބަދަލުވެފަ އެވެ.

ޕަރިނީތީ ކައިވެނިކޮށްގެން އުޅެނީ އިންޑިއާގެ އާމް އާދްމީ ޕާޓީގެ ލީޑަރު ރާގާވް ޗައްޑާ އެވެ. އުމުރުން 35 އަހަރުގެ ރާގަވް އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އެންމެ ޒުވާން މެމްބަރެވެ.

ޕަރިނީތީ ބުނީ އޭނާ ސިޔާސީ ކަންކަން ބެލި ނަމަވެސް، ރާގާވް ފިލްމް އިންޑަސްޓްރީ އަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ލަވައެއް އަޔަސް އެއީ ޕަރިނީތީ އުޅޭ ލަވައެއްކަން ވެސް ގިނަ ފަހަރަށް ރާގަވް އަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ޕަރިނީތީ ބުނި ގޮތުގައި، އެކަކުއަނެކަކަށް ދެމީހުންގެ ދާއިރާ މާ ބޮޑަށް ނޭނނުގުމަކީ ވެސް ހަޔާތުގައި ދިމާވާ އެހެން ކަންކަމާ ވާހަކަ ދައްކަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

އެންމެ ފުރަތަމަ ރާގަވް ފެނުނު އިރު ވެސް އޭނާ އަކީ ކާކުކަން ޕަރިނީތީއަކަށް ނޭނގެ އެވެ. ނަމަވެސް ރާގާވްއާ އެކު އޭނާ އަށް އާދައިގެ ލައިފްއެއް ލިބިއްޖެ ކަމަށް ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިފައި ވަނީ އިމްތިޔާޒް އަލީ ޑައިރެކްޓްކުރި ފިލްމް "އަމަރް ސިންގް ޗަމްކީލާ" އިންނެވެ. އެއީ މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި ފިލްމެކެވެ.