Roadha Mihaaru
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ

ނ އާއި ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

15 އެޕްރީލް 2024

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހުމަދު ޝަހީމެވެ.

އެ ތިން އަތޮޅުގައި މިއަހަރުގެ ތެރޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ އެވެ.

އެކަމަށްޓަކައި މީރުމާ އިވެންޓުގައި ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރުޓީއެލް ހިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ހިނގަމުން އަންނަ ހިދުމަތަކަށްވާއިރު މި ސަރުކާރާ ހަވާލުވުމަށް ފަހު ވެސް ރައީސް ވަނީ ހިނގަމުންދިޔަ ޕްރޮޖެކްޓްތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެ ޕްރޮޖެކްޓް މި ސަރުކާރުން ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ރައްޔިތުން އެންމެ އެދޭ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކުރާ ގޮތަށެވެ. އެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

"އަޅުގަނޑުމެން އައިސް ބެލި ބެލުމުގައި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރުމަށް އެމްޓީސީސީއަށް ޗެލެންޖަސް ހުރި ކަމަށް ފާހަގަކުރެވޭ. އެގޮތުން ފާހަގަކުރެވުނު ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަން ރޫޓު ދަތުރަމުން ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ރޫޓުތައް ބަދަލުކުރުމަށް އިތުރު ލޯންޗާއި ފައިސާ ވެސް ބޭނުންވެ އެވެ. އަދި ކުރިއަށް އޮތް ދޮޅު މަހުގެ ތެރޭގައި ރޫޓުތަކަށް ބަދަލުތައް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތް ދިނުމަށް ރަށްރަށުގައި އަޅާފައި ހުރި ފެރީ ޓާމިނަލްތައް ކައުންސިލުގެ ދަށަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނަމަވެސް އެ ތަންތަން ހެދުމަށް އެމްޓީސީސީން ކޮށްފައިވާ ހަރަދު ވަރަށް ބޮޑު ކަމަށް އަމީނު ވިދާޅުވި އެވެ. އެެހެންވެ، އެމްޓީސީސީގެ އެ ހަރަދުތައް ރިކަވާ ކުރެވޭނެ ގޮތެއް ހޯދައި ކައުންސިލުތަކާ އެތަންތަން ހަވާކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް އަމީން ވިދާޅުވެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ މ. އަތޮޅާއި މާލެއާ ދެމެދުގައި ހައި ސްޕީޑު ފެރީގެ ހިދުމަތް ދިނުމަށް ވެސް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ރަސްމިއްޔާތުގައި ވަނީ މ. އަތޮޅާއި މާލެއާ ދެމެދުގައި ހައި ސްޕީޑު ފެރީގެ ހިދުމަތް ދިނުމަށް ވެސް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާރުޓީއެލް ފެރީގެ ހިދުމަތް ކުރީ ސަރުކާރުން ގެންގޮސްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ އެ ހިދުމަތް އަތޮޅު ތެރޭގައި ދެމުންދަނީ ޕްލޭނާ އެއްގޮތަށް ނޫން ކަމަށެވެ. ކުރިން އެއް ޒޯނަކަށް ޅ. އަތޮޅު ހިމަނާފައި އޮތަސް އެ އަތޮޅުގައި ވަކިން އޮތީ ހިދުމަތް ފަށައިފަ އެވެ.

"އޭރު އިއުލާނުކުރިއިރު ނ. ރ. ބ. ޅ.، އެއީ ފޭސް ދޭއްގައި ހިމެނޭ ގޮތަށް ޕްލޭން ހަދާފައި، އެއް ޒޯނަކަށް ލާފައި. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގޭ، ޅ. އަތޮޅު ފޭސް ދެއަކުން ބަދަލުކޮށްފައި އެތަނުގައި އެކަނި ހިދުމަތް ފަށާފައި އޮތީ. އެ ޕްލޭނާ އުސޫލުން ބޭރުން ކަންތައްތަކެއް ނިންމާފައި ހުރީމަ އެމްޓީސީސީއަށް ވެސް ދަތިތަކެއް ހުރީ،"

މިހާރު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. އާއި ހދ. އަދި ށ. އަތޮޅާއި ގއ. ގދ. ސ. ގެ އިތުރުން ޅ. އަތޮޅުގަ އެވެ. އެ ހިދުމަތް ދިނުމަށް 25 އުޅަނދު ބޭނުންކުރެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ މ. އަތޮޅާއި މާލެއާ ދެމެދުގައި ހައި ސްޕީޑު ފެރީގެ ހިދުމަތް ދިނުމަށް ވެސް އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ވެސް މ. އަތޮޅު ތެރޭގެ ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ އަތޮޅަށް އެންމެ ބޮޑަށް ދަތިވަނީ މާލެއާ ދެމެދު ދަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން އެމްޓީސީސީއާ ވާހަކަ ދައްކައިގެން މި ދަތުރުތަކުން އެމްޓީސީސީއަށް ދޭން ޖެހޭ ސަބްސިޑީ ދިނުމަށް ފަހު އެގްރީމެންޓުގައި މި ސޮއި ކުރެވުނީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކޮންމެ ހަފްތާއަކު ދެ ޝެޑިއުލް ދަތުރު މ. އަތޮޅާ މާލެއާ ދެމެދު ކުރާނެ އެވެ.